އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވައިލާ ބިލުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ކުރީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރުމުގެ މަސައްކަތް މި ދައުރުގެ ބޮޑު މުއްދަތުގައި ނުކޮށް ބޭއްވުމަށްފަހު އެ މަސައްކަތް އަލުން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު އޮތް އެ ކޮމިޓީގައި އެ ގާނުނަށް އެއްވަނަ އިސްލާހު ގެނައުމުގެ މަސައްކަތް ފަށަން ނިންމައިފައިވާކަމަށް އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މެމްބަރުންގެ މަޝްވަރާއަށް ހުޅުވައިލައިފައިވެއެވެ.

އެ ފުރުސަތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ 19ވަނަ މަޖިލީހުގެ ބާކީ އޮތް މުއްދަތުގައި ވިސްނުންތެރިކަމާއެކު މަސައްކަތް ނުކޮށްފިނަމަ ކޮމިޓީގެ އެޖެންޑާގައި ބާކީ ހުރި މައްސަލަތައް ނުނިންމި ހުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.

އެއާއެކު މެމްބަރު އަލީ ނިޔާޒުވަނީ މި ބިލުގެ މަސައްކަތް އަންނަ މަހުގެ 30ވަނަ ދުވަހަށް ނިންމަން ސުންގަޑި ހުށަހަޅައިފައެވެ.

ނަމަވެސް އެ ކަމަށް ތާއީދު ނުކުރައްވާކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އެއާއެކު އޭނާ ހުށަހެޅުއްވީ މި މަހުގެ ނިޔަލަށް ސުންގަނޑި ހެދުމަށެވެ.

"އަޅުގަނޑު ތާއީދެއް ނުކުރަން އެ ސުންގަނޑިއަކަށް. އެއީ 30 ނޮވެމްބަރު. ކީއްވެތޯ 30 ނޮވެމްބަރާ ހަމައަށް ދާންވީ. އެއީ މި މަަހުގެ ނިޔަލަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ހުށަހަޅައިފައިި އޮތް އިސްލާހަށް ގޮތެއް މި ކޮމިޓީން ނުނިމިއްޖެޔާ މިތާކު ނެތް ނިންމޭނެ އެއްވެސް މަސައްކަތެއް. އެހެންވީމާ އަޅުގަނޑު ހުށަހަޅަނީ މި މަހުގެ ނިޔަލަށް މި ހިނގަމުންދާ މަހުގެ ނިޔަލަށް މަސައްކަތް ނިންމަން،" ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ އެ ހުށަހެޅުމާއެކު މެމްބަރު އަލީ ނިޔާޒުވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންދަވައިފައެވެ.

ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ވެސް މި ބިލުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުންމަށް ކަނޑައެޅުމަށެވެ.

މި ބިލުގެ މަސައްކަތް ލަސްކުރާތީ މީގެ ކުރިން ވެސް އެކި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ހަމައެެއާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިދިޔަ މަހުގެ 14ވަނަ ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ.

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ނިންމީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، ރިޕޯޓު އަލުން ކޮމިޓީއަށް 2020ވަނަ އަހަރުގެ ތެރޭގައި ފޮނުވާލައިފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރި ޕީޕީއެމަށެވެ. އެއިރުގެ އިދިކޮޅު ޕާޓީތަކަށް އަމާޒުކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ފުލުހުންގެ ހުއްދައަކާ ނުލާ، މާލޭގައި އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ.

comment ކޮމެންޓް