މަސައްކަތްތެރިންނާ ބެހޭ ބިލު ދިގު ދަންމާތީ މެންބަރުންގެ ކަންބޮޑުވުން

އޭޕްރިލް 15، 2019: ރައްޖިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ "އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލު، މިހާތަނަށް އައިއިރު ވެސް ފާސްނުވެ އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަރަދޫދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މި ބިލު ހުށަހަޅާފައި ވަނީ މިއަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވެސް މި ބިލަށް ބަހުސްކުރުމަށް ވަނީ ހަތަރު ޖަލްސާއެއްގައި އެޖެންޑާކޮށްފައެވެ. ނަމަވެސް މެންބަރުން ބަހުސްކުރުމަށް ފަހު ވެސް ވޯޓަށް އެހުމާ ހަމައަށް ނުގޮސް އެ ބިލުގެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހީމް ޝަރީފް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން މީގެ ކުރީގެ ޖަލްސާތަކުގައި މި ބިލަށް ބަހުސްކުރުމަށް ފަހު ވެސް އަނެއްކާ އަލުން އެހެން ޖަލްސާތަކުގައި ތަކުރާރުކޮށް މެންބަރުން ބަހުސްކޮށްފައިވާ ކަން ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންކަމުން މި ބިލު އަވަސްކޮށްދީ ވޯޓަށް އެހުމަށް މެންބަރު އިބްރާހީމް ޝަރީފް ވަނީ މަޖިލީހުގެ ރިޔާސަތަށް ގޮވާލާފައެވެ.

"އަޅުގަނޑު މި ދައްކާ ވާހަކައަކީ ރައްޔިތުންގެ ހައްގު، ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ ހައްގު، ރާއްޖޭގަ ވަޒީފާ ދޭ ފަރާތްތަކާ ދޭތެރޭ އޮންނަންޖެހޭ ގުޅުމާ އެ ގުޅުން ބާއްވަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ބިލެއް މި މަޖިލީހަށް ހުށަހެޅުނީމަ، އެއްގޮތަކަށް ވެސް މި ބިލު ނުނިންމާ މަޖިލީހުގެ ތަޅުމުން އެއް ދުވަހަށް ފަހު އަނެއް ދުވަހަށް މި ދަނީ. މިއީ ހިތާމަވެރި ކަމެއް،" މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މަސައްކަތްތެރިކަމުގެ ދާއިރާގައި މީހަކު ކަމެއް ކުރީމަ ދެން އަޅާނެ ފިޔަވަޅެއް ނޭނގިގެން އުޅުމުގެ ބަދަލުގަ ގާނޫނެއްގެ ގޮތުގަ އެކަން އެކުލަވާލުމަކީ އެކަމުން އެންމެންނަށް މަންފާކުރާނެ ކަމެއް ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މި ބިލު ފާސްކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އިލްޔާސް ލަބީބް -- ފޮޓޯ/ މަޖިލިސް

މި ބަހުސްގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފާސްކޮށް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

"ވަރަށް މުހިންމު ބިލެއް. ގާނޫނެއްގެ ދަށުން ބެލެހެއްޓުން މުހިންމު. ވަރަށް މުހިންމު ކަންކަން މި ބިލުގެ ދަށުން ހިމަނާފަ އެބަހުރި،" އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވަމުން އަންނައިރު ސަރުކާރުން ތަރައްގީކޮށް އަމިއްލަ ފަރާތްތަކަށް ދޫކޮށްލަމުން އަންނަ އިންޑަސްޓްރީތަކާއި، ދިވެހި ރައްޔިތުން އަމިއްލައަށް ތަރައްގީކޮށް ފުޅާކުރަމުން އަންނަ އިންޑަސްޓްރީތަކާއި، އެ އިންޑަސްޓްރީތަކުގައި މަސައްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އެގޮތުން މަސައްކަތްތެރިން މަސައްކަތްކުރަމުން އަންނަ ޕްރައިވެޓް ސެކްޓާތައް ދެމި އޮތުމަށް ވެސް މިއީ މުހިންމު ބިލެއް ކަމަށް ފާހަގަކުރެއްވިއެވެ.

"މަސައްކަތްކެރިންގެ ހައްގުތައް އެކި ދާއިރާތަކަށް ބެހިގެން ދާއިރު، މަސްވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ކުދި އަދި މެދު ފަންތީގެ އެކި ބާވަތްތަކުގެ ވިޔަފާރިތަކުން އުފައްދަންޖެހޭ ޔޫނިއަންތަކާ، ޓްރާސްޕޯޓު ދާއިރާ އަދި ހެލްތު ދާއިރާ، މިއިން ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް އެބަ އުފައްދާ އެތައް ދާއިރާއެއް އެތައް ވަޒީފާތަކެއް،" ސައުދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން -- ފޮޓޯ/ މަޖިލިސް

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ފާސްކުރުމަށް މަސައްކަތެރިންނާ ގުޅޭ އެކި ޖަމުއިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ, މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ވަނީ މީގެ ކުރިން ގޮވާލައިފައެވެ.

މި ބިލް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމުއިއްތާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށެވެ.

މި ބިލް ހުށަހަޅާފައިވަނީ:

  • މަސައްކަތްތެރިންގެ ޖަމުއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް، އެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައެޅުމަށް
  • މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް ގާއިމް ކުރުމަށް

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު މަސައްކަތްތެރިންނާ ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް އެކަށައެޅިފައިވާ ކަމަށް ވެސް އެ ބިލްގައިވެއެވެ.

comment ކޮމެންޓް