ދަނޑުވެރިކަމުގެ ގޮންޖެހުންތައް ހައްލުކޮށްދެވޭ، މިހާރު ކުދި ދަނޑުވެރިންނަށް ލޯނު ލިބޭނެ: މިނިސްޓަރު

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދަނޑުވެރިކަމަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ނުލިބުން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެެވެ.

ދަނޑުވެރިންގެ ދުވަހާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުދި ދަނޑުވެރިންނަށް ވެސް މިހާރު ރަހުނަކާނުލައި އެއް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

"ހަމަ ދަނޑުވެރިކަމުގެ އެސްއެމްއީ ބޭންކަށް ހުށަހަޅައިގެން ލޯނު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

އެއަށްވުރެ ބޮޑު އަދަދަކުން ލޯނު ބޭނުންވާ މީހުންނަށް ވެސް ހަ ޕަސަންޓު އިންތަރެސްޓަކާ އެކު ލޯނު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި އަންހެނަކު ދަނޑެއްގައި މަސައްކަތް ކުރަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް މާކެޓު ވެސް މިހާރު ހޯދައިދެވިފައިވާ ކަމަށެވެ. އެގޮތުން އެގްރޯ ނެޓް މެދުވެރިކޮށް ގިނަ ދަނޑުވެރިން ހައްދާ ތަކެތި މިހާރި ވިއްކާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި އޮތް އެންމެ ރަނގަޅު މާކެޓަކީ ޓޫރިޒަމް ސެކްޓާ. އެ މީހުން ބޭނުންވޭ މަތީ އަގު ލިބޭކަހަލަ އެއްޗެހި ހެއްދީމަ އެ އެއްޗިހި ގަންނަން. އެކަމަކު އެ މީހުންނަށް އުފައްދަންޏާ އެބަ ޖެހޭ މިއީ މެދުކެނޑުމެއް ނެތި ލިބޭ އެއްޗަކަށް ހަދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެފަދައިން ބައެއް މީހުން ދަނޑުވެރިކަންކޮށް ނަފާ ހޯދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވުމުން ދިމާވާ ގޮންޖެހުންތައް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބިމުގެ ގޮތުން ދަތިވުމުން ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހޭކަމަށެވެ.

"ބިން ހުންނަ ރަށްތަކުން ވެސް ކައުންސިލްތަކުން އެބަ ޖެހޭ މަދުވެގެން ދިހަ އަހަރަށް ބިން ދޭން. ކައުންސިލްތަކަށް ވަރަށް އުނދަގޫވޭ ލާހިކު އަގެއްގައި ބިން ދޫކުރަން. އެހެންވީމަ މުސްތަގްބަލުގަ ބަލަން ޖެހޭނެ މީހުން ދިރިއުޅޭ ރަށްތައް ނޫން ފަޅު ރަށްތަކުގައި ވެސް ދަނޑުވެރިކަން ކުރެވޭނެ ގޮތެއް ހަދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ބިމުގެ ދަތިކަން ހައްލުކޮށް، ދަނޑުވެރިންނަށް ފަޅު ރަށްތަކުން ވެސް ބިން ކުއްޔަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަކީ ދަނޑުވެރިކަން ފުޅާކުރުމަށް ވަރަށް މުހިންމު ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ބިމުގެ މައްސަލައަށް ހައްލެއް ގެނެސްދެވިއްޖެ ނަމަ، މުސްތަގްބަލުގައި ދަނޑުވެރިކަން ފުޅާވެ އިތުރަށް ކުރިއަރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް