ކުންފުނިތައް ފައިސާއަށް ދަތިވެފައިވާ ކަމުގެ ކަންބޮޑުވުން އިންތިގާލީ ކޮމިޓީތަކުން ފާޅުކޮށްފި

އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވާހަކަ ދައްކަވަނީ ----

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު، އޭގެ އަގުގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބި، ލަސްވުމުގެ ސަބަބުން، އެ ކުންފުނިތަކުގެ ކޭޝްފްލޯ ތާށިވެފައިވާކަން އިންތިގާލީ ކޮމިޓީތަކަށް ފާހަގަކުރެވޭ ކަމަށް، އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް ކޮމިޓީތަކުން މިހާތަނަށް ޒިޔާރަތް ކުރަންޖެހޭ ގިނަ އިދާރާތަކަށް ޒިޔާރާތްކޮށް، ފުރަތަމަ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ކޭޝްފްލޯ ވަރަށް ބޮޑަށް ދަތިވެފައިވާކަން އެ ބައްދަލުވުންތަކުން ފާހަގަވެފައިވާ ކަމަށެވެ.

"ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ މަޝްރޫއުތަކުގެ އަގު ނުލިބި ވަަރަށް ބޮޑު އަދަދުތަކެއް ހުރުމުގެ ސަބަބުން، އެ ކުންފުނިތަކުގެ ކޭޝް ފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ކުންފުނިތަކުން ފާހަގަކުރައްވާ،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް ދެ މަހުގެ އޮޕަރޭޝަން ހިންގަން ވެސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުނިތަކުގެ ކޭޝްފްލޯއަށް އިންޖެކްޓު ކުރަންޖެހޭ ކަމަށެވެ.

https://sun.mv/182918

ސަރުކާރުގެ މަޝްރޫއުތަކަށް ފައިސާ ނުލިބި ލަސްވުމުގެ ޝަކުވާ ބައެއް އަމިއްލަ ކޮންޓްރެކްޓަރުން ވެސް ވަނީ ފާޅުކޮށްފައެވެ. އެފަދަ ބައެއް ކޮންޓްރެކްޓަރުން މި ފަހުން އިހްތިޖާޖަށް ވެސް ނުކުމެފައި ވެއެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ ގާނޫނުން ލާޒިމްކޮށްގެން، މިނިވަންކަމާ އެކު އިލްމީ މަ ސައްކަތް ކުރުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

"އެ މުއައްސަސާތަކުން އެބަ ފާހަގަކުރައްވާ، އެ ބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން، އެ ބޭފުޅުންގެ ޒިންމާ، ގާނޫނު ތަސައްވަރު ކުރައްވާފައި އޮންނަ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން" ތަރުޖަމާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ނުފޫޒުތަކުގެ ސަބަބުން އެ އިދާރާތަކަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތައް ހޯދުމަށް ދަތިތަކެއް ހުރިކަމަށް އެ މުއައްސަސާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް