ފަލަސްތީނަށް އެހީވުމަށް އަދާލަތުން ގަރާރެއް ފާސްކޮށް، އެހެން ޕާޓީތަކާ ވެސް މަޝްވަރާކުރަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ --

ފަލަސްތީނަށް ޓަކައި އަދާލަތު ޕާޓީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ދެނެގަނެ، އެކަންތައްތައް ކުރުމަށް ގޮވާލާ ގަރާރެއް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ގަރާރު ހުށަހެޅުއްވީ އިލްމުވެރިންގެ ގުޅުމުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފެވެ.

އެ ގަރާރުގައި ވަނީ އަދާލަތު ޕާޓީގެ ގާބިލްކަން ހުރި އެންމެ މަތީ މިންވަރަކަށް، މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ލާޒިމް ކަމެއްކަމަށް ދެކޭ ކަމަށެވެ. އަދި ސަހްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނަށް ރުޖޫއަވުމަށް ފުރުސަތުދީ، އެމީހުން އެދޭ ގޮތަށް ދައުލަތް ގާއިމުކުރުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަރާރުގައިވެއެވެ.

"ވަކިން ޚާއްޞަކޮށް މިވަގުތު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ގާނޫނީ އުދުވާންތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށާއި މި މައްސަލައާ މެދު ދިވެހިން ހޭލުންތެރި ކުރުމަށާއި ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް އަދާލަތު ޕާޓީއަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ކުރުމަށް ގޮވާލާ މި ގަރާރު ހުށަހަޅަން،" އިޔާޒް ވިދާޅުވިއެވެ.

އެ ގަރާރާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ފަލަސްތީން މައްސަލައިގައި ހުރިހާ ދިވެހިން އެއްކޮށް ތިބިކަން ހާމަކޮށްދޭން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގިނަ ދިވެހިން އެކުވެގެން ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ، މި ގަރާރުގައި ބުނާ ކަންތައްތައް ކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި ކުރާނެ ކަމަށާއި އެ ޕާޓީން ހުރިހާ ދިވެހި ރައްޔިތުންނާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރެވިފަ އެބަހުރި. ހުރިހާ ޕާޓީތަކާއެކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމާ މަޝްވަރާ ކުރާނެ. ގިނަ ޖަމިއްޔާތައް ރާއްޖޭގައި ރަޖިސްޓްރީކުރެވިފަ އެބަހުރި، ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތް ކުރާނެ،" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ، މިއީ ރާއްޖޭގެ އެތެރޭގެ އެއްވެސް ސިޔާސީ ޚިޔާލު ތަފާތުވުމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނަށް އެހީވުމަށް ކުރާ މަސައްކަތުގައި އަދާލަތު ޕާޓީން، ސަރުކާރުގައި ތިބި ޕާޓީތަކާއި، އަލަށް އިންތިޚާބުވެފައިވާ ސަރުކާރުގައި ހިމެނޭ ޕާޓީތަކާއި، ސަރުކާރުގައި ނުހިމެނޭ ޕާޓީތަކާއެކު ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެންނަށް އެއްބަސްވެވޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރިއަށްގެންދިޔުމަށް އެދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އެ ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ގަރާރު ތަންފީޒު ކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް