އިޒްރޭލް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން -- ފޮޓޯ/ މަޖިލިސް

ރާއްޖެއަށް އިޒްރޭލް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވަނީ، އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ބެލުމެއް ނެތި، ފަލަސްތީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލަން ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރިމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިޒްރޭލުން ހަމަލާތަކުގައި ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކުން މަނާކޮށްފައިވާ ބައެއް ހަތިޔާރު ބޭނުން ކުރަމުންދާކަމާއި ޣައްޒާ ބަންދުކޮށް، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ކަނޑައި، ކާބޯތަކެތި ނުވެއްދޭ ގޮތް ހަދާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެއީ އިޒްރޭލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއްކަން ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށާއި އަސާސީ ޚިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހެދުމަށް އދ.ގެ މެންބަރު ހުރިހާ ގައުމުތަކަށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލާ ގަރާރެއް ފާސްކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށާއި އެގޮތުން، އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާ ކުރަން ޖެހޭ ކަމަށް ގަރާރުގައިވެއެވެ.

"އިޒްރާއީލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމާއި އިޒްރާއީލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑު ކުރުމާއި، އަދި އިޒްރާއީލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށް ދެކެން،" ގަރާރުގައިވެއެވެ.

އެހެންވެ، މި ގަރާރު ހުށަހަޅަނީ، ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮށް ކަމާއި މި މައްސަލައިގައި މަޖިލީހުން ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކުރުމަށް ކަމަށް އެ ގަރާރުގައިވެއެވެ.

comment ކޮމެންޓް