ދިއްދޫ ނެރަށް ލޯންޗެއް އަރައި، 10 މީހަކަށް ފަރުވާދެނީ

ހއ. ދިއްދޫ ނެރަށް ލޯންޗެއް އަރައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް މީހުން ހަރަކާތްްތެރިވަނީ-- ފޮޓޯ/ދިއްދޫ އޮންލައިން

ހއ. ދިއްދޫ ފަޅަށް ވަންނަން އުޅުނު ލޯންޗެއް ނެރަށް އަރައި އޭގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 19:30 ގައި ކަމަށެވެ. އަދި، ލޯންޗުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ހުރި މީހަކު 'ސަން'އަށް ކިޔައިދިން ގޮތުގައި އެ ލޯންޗަކީ އެ އަތޮޅު ވަށަފަރުން އައި ލޯންޗެކެވެ. އެ ލޯންޗުން ދަތުރުކުރި މީހުންނަކީ ދިއްދޫގައި މިރޭ އޮތް ޕީޕީއެމް/ ޕީއެންސީ އިން ބާއްވާ ކެއުމެއްގައި ބައިވެރިވުމަށް ދަތުރު ކުރި ބައެކެވެ.

އޭގައި 10 މީހުން ތިބި ކަމަށާއި އެ ލޯންޗު ނެރަށް އަރައި ހިލަތަކުގައި ޖެހުމުގެ ސަބަބުން އެ 10 މީހުން ވެސް ވަނީ މޫދަށް ވެއްޓިފައި ކަމަށް އެ މީހާ މައުލޫމާތުދިނެވެ. ލޯންޗު ވަނީ ބަންޑުން ޖަހާލައިފައެވެ.

އެ މީހުންނަށް މިހާރު އަންނަނީ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހއ. ދިއްދޫ ނެރަށް ލޯންޗެއް އަރައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް މީހުން ހަރަކާތްްތެރިވަނީ-- ފޮޓޯ/ދިއްދޫ އޮންލައިން

އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ. ދެން ތިބި މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު އެ މީހުންނަށް ވެސް މި ވަގުތު އަންނަނީ އެ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

އެ ސަރަހައްދުގައި މި ވަގުތު ވެސް އަންނަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މިހާރު ވަނީ އެ ލޯންޗު ފުންކުރުމަށް ފަހު ފަޅުތެރެއަށް ގެނެސްފައެވެ.

އުތުރުގެ ރަށްތަކަށް މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދައެވެ. މޫސުން ގޯސްވެ، ވިއްސާރައިގެ ސަބަބުން ދިއްދޫގެ މަގުތަކުގައި މިއަދު ވަނީ ފެން ވެސް ބޮޑުވެފައެވެ.

comment ކޮމެންޓް