ހަށިވިއްކަނިކޮށް ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ދިވެހިންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންނަށް އެ ފަދަ އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ ފިރިހެނެކެވެ.

މީގެ ތެރެއިން 35 އަހަރުގެ އަންހެން މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެވަނީ 10 ދުވަސް ޖަހައިފައެވެ.

ދެން މި މައްސަލައިގައި ހިމެނޭ 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ޖަހައިފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. ކޯޓުން ބުނީ ކުރު މުއްދަތެއް ޖެހީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން އޭނާގެ ވަކީލުންނާ މަޝްވަރާކުރުމަށް ބޭނުންވާ ކަމަށް ބުނެފައި އޮތުމުން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް ޖަހައިފައިވަނީ 10 ދުވަހެވެ.

މީގެ ކުރިން ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މަސާޖް ޕާލާތަކާއި ސެލޫންތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ވެސް ހަށިވިއްކާ މައްސަލަތައް ރާއްޖޭގައި ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ވިޔަފާރިތަކުން ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން ވެސް އަންނަނީ އެ ވިޔަފާރި ކުރަމުންނެވެ.

އާންމުންގެ ކަންބޮޑުވުން މިކަމުގައި އޮތްއިރު ފުލުހުން އަންނަނީ އެ ފަދަ ތަންތަން ހޯދައި ހުއްޓުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް