އެމްއައިބީގެ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް ފައިސާ ދޫކުރަން ފަށައިފި

އެމްއައިބީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި އޭޓީއެމް -- ސަން ފޮޓޯ/މާހިލް އާތިފް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ފައިނޭންސިން މެދުވެރިކޮށް މުހިންމު ކަންކަން ކުރުމަށް ފައިސާ ދޫކުރަން ފަށައިފިއެވެ.

އެ ބޭންކުން މިއަދު މި ފެށި ހިދުމަތުން އިންޓްރެސްޓާ އެކު ފައިސާގެ ލޯނު ނެގުމުގެ ބަދަލުގައި ބޭސް ފަރުވާ ފަދަ ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާ ލިބޭނެއެވެ.

މި ހިދުމަތުގެ ދަށުން އެމްއައިބީ ކަސްޓަމަރުންނަށް ލިބޭ ލިމިޓުގެ 30% އެއްވެސް ޑޮކިއުމެންޓަކައިނުލާ ނެގުން ނަމަވެސް އިތުރަށް ފައިސާ ނެގޭނީ ބޭންކުން ކަނޑައަޅައިފައިވާ ބައެއް ކަންކަމަށެވެ. އެގޮތުން؛

  • ސިއްހީ ފަރުވާ
  • މިހާރު ނަގާފައިވާ އިންޓްރެސްޓް ހިމެނޭ ލޯނު އަނބުރާ ދެއްކުން
  • މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ
  • މޫސުމީ ކާރިސާ ތަކުން ލިބޭ ގެއްލުން ފޫ ބެއްދުމަށް
  • ގެ ބަދަލުވުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދެއްކުމަށް
  • ގެދޮރު ގަންނަން ބޭނުންވާ އިކުއިޓީ ހޯދުމަށް

މި ހިދުމަތާ އެކު އުޖާލާ ފައިނޭންސިން ފެސިލިޓީ އިތުރަށް ފުޅާވެގެން ދާނެއެވެ. މިހާރު ވެސް އުޖާލާ ފެސިލިޓީގެ ދަށުން ކާރު، އެޕާޓްމަންޓް އަދި ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމާނު ގަނެވެއެވެ.

އެމްއައިބީ އުޖާލާ ފައިނޭންސިން ފެސިލިޓީއަކީ ދިވެހިންގެ މެދުގައި މަގްބޫލު ފައިނޭންސިން ފެސިލިޓީއެކެވެ. އެ ބޭންކުން ވަނީ ދާދި ފަހުން އުޖާލާ ފެސިލިޓީ މެދުވެރިކޮށް 700،000 ރުފިޔާއާއި ހަމައަށް ލިމިޓް ނެގޭ ގޮތަށް އަދި ފަސް އަހަރުން އަނބުރާ ފައިސާ ދައްކާ ގޮތަށް ބަދަލު ގެނެސްފައެވެ. އަދި، ގެރެންޓާއެއް ވެސް މިހާރު ބޭނުން ނުވާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

comment ކޮމެންޓް