މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަނިމާދުއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ކަރުދާސްކޮޅުތައް -- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދުއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހަނިމާދޫގައި އެ އޮޕަރޭޝަން ހިންގީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތެއް ލިބުމާ ގުޅިގެންކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޮޕަރޭޝަންގައި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 67 ކަރުދާސްކޮޅު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

އެއާއެކު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 28 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. 36 އަހަރުގެ މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ.

އެއާއެކު މި މައްސަލަ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އާންމުވަމުން އަންނައިރު ޕާކިސްތާނުން ވައިގެ މަގުން މިިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖުން ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

މީގެ އިތުރުން ވެސް ޕޯސްޓް މެދުވެރިކޮށާއި ކަނޑު އުޅަނދު ފަހަރުުގައި ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ މައްސަލަތައް އާންމެވެ.

comment ކޮމެންޓް