ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާ ދޭން އެބައުޅޭ: އަދުރޭ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެލީޒް

ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންގެ ވަޒީފާ އާ ސަރުކާރާއެކު ގެއްލޭނެތީ ސިވިލް ސާވިސްގެ ވަޒީފާތަކަށް ބައެއް ބޭފުޅުން ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ދިމްޔާތުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްގެ މަގާމުތަކަށް އައްޔަން ކުރައްވަން އުޅޭ ކަމަށް މައުލޫމާތު ލިބެނީ މިހާރު އެބޭފުޅުންނަށް ލިބޭ މުސާރައިގައި ކަމަށެވެ.

އެފަދަ ކަމެއް ނުކުރަން އަދުރޭ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސަށް ގޮވާލައްވާފައެވެ.

"ސިޔާސީ މަގާމުތަކުގައި މިއަދު ތިއްބަވާނީ މިހާރު އޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދު ކުރައްވާ ފަރާތްތަކުން. އެ ވިސްނުމާ ތަފާތު ބޭފުޅުންތަކެއް މިހާރު ސަރުކާރަށް މި ވަޑައިގަންނަވަނީ." އަދުރޭ ވިދާޅުވިއެވެ.

"އެހެންވީމައި އެބޭފުޅުން ވަޑައިގަންނަވަން ވާއިރަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަނެއްކާ ދެން އަންނަ ސަރުކާރެއްގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ ތެރޭގައި މަގާމު އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން."

އަދުރޭ މިއަދު ވެސް ވަނީ މި ދަނޑިވަޅުގައި އާ ސިޔާސީ މަގާމުތައް ނޫފެއްދުމަށާއި މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރުމަށް އެދިވަޑައިގެންފައެވެ.

މި މަހުގެ ފަސް ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ އިންތިގާލީ މުއްދަތުގެ ތެރޭގައި ވަކި ކަންކަމެއް ނުކުރުމަށް އެދިލައްވައިފައެވެ. އޭގެ ތެރޭގައި އާ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރުން ހިމެނެއެވެ.

ރައީސް ޞާލިޙު ވަނީ އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމަށް މިހާރު ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ.

comment ކޮމެންޓް