ފުރާވަރުގެ ކުދިން ވީޑިއޯ ބަލަން އެންމެ ގިނައިން ބޭނުންކުރަނީ ޔޫޓިއުބް

ފުރާވަރުގެ ކުދިން ވީޑިއޯ ބަލަން އެންމެ ގިނައިން ބޭނުންކުރަނީ ޔޫޓިއުބް ކަމަށް އެމެރިކާގައި ހެދި ސާވޭއަކުން ވަނީ ދައްކާފަ -- ފޮޓޯ/ ގުޑްކޯލް.ކޮމް

އެމެރިކާގައި ފުރާވަރުގެ ކުދިން ވީޑިއޯ ބަލަން އެންމެ ގިނައިން ބޭނުންކުރަނީ ޔޫޓިއުބްކަން ސާވޭއަކުން ދައްކައިފިއެވެ.

އިންވެސްޓްމަންޓް ބޭންކް ޕައިޕާ ސޭންޑްލާއިން ދާދި ފަހުން ކުރިއަށްގެންދިޔަ ސާވޭއިން ދެއްކި ގޮތުގައި، ފުރާވަރުގެ ކުދިން ކޮންމެ ދުވަހަކު ވީޑިއޯ ބަލަން ހޭދަކުރާ ވަގުތުގެ ތެރެއިން 29.1 ޕަސެންޓް ހޭދަކުރަނީ ޔޫޓިއުބްގައެވެ. އެއާ އަޅާބަލާއިރު ނެޓްފްލިކްސް ހިއްސާކުރަނީ 28.7 ޕަސެންޓް ވަގުތެވެ.

އެއީ މިއަހަރުގެ މެދުތެރޭގައި ކުރިއަށްގެންދިޔަ ސާވޭއާ އަޅާބަލާއިރު ނެޓްފްލިކްސްއަށް ދެ ޕަސެންޓް ދަށްވުމެކެވެ. އަދި ޔޫޓިއުބްގައި ހޭދަކުރާ ވަގުތު ވަނީ އެއް ޕަސެންޓް އިތުރުވެފައެވެ.

އެ ސާވޭއިން ދައްކުވައިދެނީ ސްޓްރީމިން އިންޑަސްޓްރީގައި ވާދަވެރިކަން އިތުރުވަމުންދާކަމެވެ. އަދި ހިލޭ ވީޑިއޯ ކޮންޓެންޓް ބެލޭ ޕްލެޓްފޯމްތަކުގެ ތެރެއިން ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމަކަށް ޔޫޓިއުބް ވެފައިވާކަން ވެސް ސާވޭއިން ދައްކައިދެއެވެ.

އެ ސާވޭގައި އެމެރިކާގެ 9،000 އަށް ވުރެ ގިނަ ކުދިން ބައިވެރިކޮށްފައިވާއިރު އެކުދިންގެ އެވްރެޖް އުމުރަކީ 16 އަހަރެވެ.

މީގެ އިތުރުން ކޭބަލް ޓީވީ، އެޗްބީއޯ މެކްސް އަދި ހޫލޫ ފަދަ ޚިދުމަތްތަކާ ކުދިން ދުރަށް ޖެހެމުންދާކަންވެސް ޑޭޓާއިން ދައްކައެވެ. ނަމަވެސް ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސްއަށް ވަނީ ބާރު ބޮޑުވެފައެވެ.

ނަމަވެސް މިސާވޭގައި ޓިކްޓޮކް ވަކިން ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ކެޓަގަރައިޒްކޮށްފައިވާތީ ޔޫޓިއުބާއި ނެޓްފްލިކްސްއާ އަޅާބަލާފައިނުވެއެވެ.

ޓިކްޓޮކްއާ ގުޅުން ހުރި މައުލޫމާތު އަޅާބަލާފައި ވަނީ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ސްނެޕްޗެޓްއާއި އިންސްޓަގްރާމްއާއެވެ. އަދި އެ ސާވޭގައި ބައިވެރިވި 38 ޕަސެންޓް ކުދިން ވަނީ ޓިކްޓޮކްއަކީ އެކުދިންނަށް އެންމެ ކަމުދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްކަމަށް ފާހަގަކޮށްފައެވެ.

ޕައިޕާ ސޭންޑްލާ އެނަލިސްޓުން ބުނާ ގޮތުގައި ފުރާވަރުގެ ކުދިން މި ޕްލެޓްފޯމްތަކުގައި ދުވާލަކު ހަތަރު ގަޑިއިރު ހޭދަކުރާއިރު، ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.

ދެހާސް އެއް ވަނަ އަހަރުން ފެށިގެން އަހަރަކު ދެ ފަހަރު ކުރިއަށް ގެންދާ ޕައިޕާ ސޭންޑްލާ ސާވޭގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ފުރާވަރުގެ ކުދިންނަށް އެންމެ ކަމުދާ ތަކެއްޗަށެވެ.

comment ކޮމެންޓް