ޕީސީބީއިން އެދެނީ ފިނޭންސް މިނިސްޓްރީން ވަކިވާން

ޕީސީބީ އެސްއޯއީ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އަކީ ފިނޭންސް މިނިސްޓްރީއާ ވަކިން އޮންނަ މިނިވަން ބޯޑެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެ ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ބޯޑުގެ މެންބަރުން އެ ކޮމިޓީއަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލުކޮށްފައެވެ.

މެންބަރުން ހާޒިރުކޮށް ސުވާލުކުރީ އިންތިޚާބާ ގުޅިގެން މި މުއްދަތުގައި ސަރުކާރު ކުންފުނިތަކުން އާ ޕްރޮޖެކްޓު ހިންގުން މައްޑުޖައްސައިލުމަށް އެދި އެ ބޯޑުން ނެރުނު ސާކިއުލާއަކާ ގުޅިގެން ކުންފުނިތައް ހިންގުމަށް ދަތިވާކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.

އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒު ވިދާޅުވީ އަބަދު ވެސް ޕީސީބީން ކުންފުނިތަަކަށް އެންގުންތައް އަންގާ ކަމަށެވެ. އެއީ މުހިންމު ޕޮލިސީތައް ސާކިއުލާތަކުން ނިންމުމާއި، އިދާރީ ގޮތުން ނެރޭ ސާކިއުލާތައް ކަމަށް ވެސް ޕީސީބީން ބުންޏެވެ.

އެ ސާކިއުލާތައް ނެރެނީ ވަކި ސަރުކާރެއް ހިމާޔަތްކުރުމަށް އޮންނަ ނުފޫޒަކުން ނޫންކަމަށް ވެސް ބުންޏެވެ.

"ޕީސީބީއަކީ ސިޔާސީ ނުފޫޒުންނާއި އެހެނިހެން ނުފޫޒުން އެއްކިބާވެ ތިބެ އިންޑިޕެންޑެންޓް މެންބަރުން ތިބެގެން މަސައްކަތްކުރާ ބޯޑެއް. ގާނޫނަކުން އުފެދިފައި އޮންނަ ބޯޑެއް 3/2013 ގާނޫނު ނަންބަރު. ދެން އަޅުގަނޑުމެންގެ މަސައްކަތްތައް އަބަދު ވެސް މި އަންނަނީ ގާނޫނީ އިމުގެ ތެރެއިން ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީސީބީގެ އެއްވެސް މެންބަރަކަށް ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި، އެހެން ސިޔާސީ ފަރާތެއްގެ ނުފޫޒެއް ވެސް އެއްވެސް އިރެއްގައި ނުފޯރާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާ އެކު އެއީ ސަރުކާރު ބަދަލުވުމުގެ ރޫހު ހުރި ނެތް ގޮތް ދެނެގަންނަ ބައެއް ނޫން ކަމަށާއި ޕީސީބީގެ ޒިންމާއަކީ ސަރުކާރުގެ އެސެޓުތައް ރަނގަޅު ގޮތުގައި ބޭނުންކުރޭތޯ ޔަގީންކުރުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީސީބީގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް މުއައްސަސާއެއް ނޯންނާނެ ކަމަށެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދިގުދެމިގެން ދިޔަ ކޮމިޓީ ބައްދަލުވުމަށް ފަހު ލިބިވަޑައިގަތް ފަހު ފުރުސަތުގައި އޭނާ ވަނީ ޕީސީބީގެ ގާނޫނުގައި މި ވަގުތު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެސްއޯއީ ކޮމިޓީގައި އެދިލައްވައިފައެވެ.

އަދި، ސިޔާސީ ނަޒަރަކުން ދެކިވަޑައިނުގަތުމަށް މެންބަރުންގެ ކިބައިން އެދިލައްވައިފައެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެންބަރުންނަށް، ކޮމިޓީގެ މުގައްރިރަށް އަދި އެހެން ބޭފުޅުންގެ އަރިހުން، ޕީސީބީއާމެދު ސިޔާސީ ނަޒަރަކުން ވިސްނުންފުޅު ނުބަހައްޓަވަން. ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް އެއިރަކު އޮންނަ ސަރުކާރުގެ ހިމާޔަތުގައި އަދި ދައުލަތުގެ ޕްރޮގްރާމްސްތަކާ ޕޮލިސީތައް ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ގޮތަށް ކުރަންޖެހޭ މަސައްކަތްތައް ހުންނަ ބީދައިން ކަންކަން ކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

މި ކަމަށް ބާރު ދެއްވައި ވާހަކަދައްކަވަމުން އެ ބޯޑުގެ ސެކެރެޓަރީ ޖެެނެރަލް އަހްމަދު ޔަމީން ވެސް ވަނީ ޕީސީބީއަށް ވަކި ބަޖެޓެއް ނެތް ކަމަށާއި މުވައްޒަފުން ލިބުމުގައި ވެސް ދަތިތައް ހުރިކަމަށެވެ.

މިހާރު އެ ބޯޑު ހިނގަމުން އަންނަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅައިފައި އޮތް ނަމަވެސް ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.

comment ކޮމެންޓް