ގަމަށް ކަރަވެރީގެ އީދެއް، އިއްޔެ ވެސް 5،000 މަސް ހިފި

ލ. ގަމުރައްޔިތުން އެރަށު ފަޅުތެރެއިން ކަރަވެލި މަސް ހިފަނީ--

ލ. ގަމުގެ ފަޅުތެރެއަށް ކަރަވެރިމަސް އައިނެއް ވަނުމާ އެކު އެ ރަށުގެ ރައްޔިތުން ވަރަށް ފޯރީގައި މަސް ހިފަމުން އެބަދެއެވެ.

ގަމު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ ގަމުގެ އެކި ހިސާބުތަކުން މީހުން އެއްވެ، ކަރަވެރިމަސް ހިފަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދުވަސްކޮޅު ވަރަށް ގިނައިން ކަރަވެރިމަސް އެރަށު ފަޅުތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި, ރަށުގެ ވަށައިގެން އެކި ހިސާބުތަކުގައި މި މަސްތައް އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްގަނޑު އެ ރަށު ފަޅުތެރެއަށް ވައިންތާ މިހާރު ގާތްގަނޑަކަށް ހަފްތާއެއް ވެއްޖެ ކަމަށެވެ.

ރަޝީދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ މަސް މިހާރު ވެސް ގަމުގެ ރައްޔިތުން ހިފަމުންދާ ކަމަށެވެ. އެގޮތުން މަތިމަރަދޫ އަވަށުގެ މީހުން އިއްޔެ، 5000 އަށް ވުރެ ގިނަ މަސް ހިފައިފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

މީގެ އިތުރުން ހުކުރުމަގުގެ ރައްޔިތުން ވެސް ވަރަށް ގިނަ އަދަދެއްގެ މަސް މިއަދު ހިފައިފައިވާ ކަމަށާއި، އެހެންނަމަވެސް މަސް ހިފައިފައިވާ އަދަދުގެ ތަފްސީލު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ މަތިމަރަދުއިން ހިފި މަސްތައް ބަހައިލީ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަޝީދު ވިދާޅުވީ، މިއީ ކޮންމެ އަހަރަކު މިގޮތަށް ވާ ކަމެއް ނޫން ކަމަށެވެ. ކަނޑާ ހިސާބު ތަންކޮޅެއް ބޭރުން ކަރަވެރިމަސް ފެނުނު ނަމަވެސް މިގޮތަށް ކަރަވެރިމަސް ހިފަން ނުލިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރަށުގެ ރައްޔިތުން ކަރަވެރި ހިފާ ގޮތް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ފަން ޖަހާ އެއްގަން ކުރަނީ ކަމަށެވެ. ދާ އަޅައިގެން މަސް ހިފަނީ އެއަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިގޮތަށް މަސް ހިފުމުގައި އެކި އުމުރުފުރާގެ މީހުން ބައިވެރިވެއެވެ.

comment ކޮމެންޓް