އުމުރުން 32 އަހަރުގައި ހަޒާޑް ރިޓަޔާކޮށްފި

ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް -- ފޮޓޯ/ ގެޓީ

ޗެލްސީ އަދި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑް އެޑެން ހަޒާޑް، އުމުރުން 32 އަހަރުގައި ރިޓަޔާކޮށްފިއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރުމަށް އިސްޓަގްރާމުގައި ހަޒާޑް ކުރި ޕޯސްޓެއްގައި ބުނީ ކެރިއަރު ނިންމާލުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"އެންމެ ރަނގަޅު ވަގުތުގައި ހުއްޓާލަން ޖެހޭނެ. 16 އަހަރަށްވުރެ ދިގު މުއްދަތެއް ފުޓުބޯޅައިގައި ހޭދަކޮށް، 700 އަށްވުރެ ގިނަ މެޗު ކުޅެވިއްޖެ. މިއީ އަހަރެންގެ ކެރިއަރުގެ ނިމުން. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނޑުމަތީގައި އަހަރެންނަށް އުފާ ހާސިލުކުރެވިއްޖެ،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ އޭނާގެ ކެރިއަރުގައި މޮޅެތި ކޯޗުންނާއި ކުޅުންތެރިންނާ ބައްދަލުވެފައިވާ ކަމަށާއި އެ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި ހަޒާޑް ވަނީ އޭނާ ކުޅުނު ލިލް، ޗެލްސީ އަދި ރެއާލް މެޑްރިޑަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ލިލްއިން ޗެލްސީއާ ގުޅުނު ހަޒާޑް އެ ކްލަބުގައި ވިދާލުމަށް ފަހު، ރެއާލް މެޑްރިޑާ ގުޅުނީ 2019 ވަނަ އަހަރު ކްލަބުގެ ރެކޯޑު އަގެއްގައެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް ދޫކޮށްލުމާ އެކު އެ ކްލަބުން ވަނީ ހަޒާޑަށް ބޮޑު އުންމީދުތަކެއް ކޮށްފައެވެ. ނަމަވެސް ރެއާލްގައި އޭނާއަށް ވަނީ ޗެލްސީގައި ދެއްކި ކުޅުމާ ގާތަށް ވެސް ނުދެވިފައެވެ.

ރެއާލްގައި ހަޒާޑަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިފައިވަނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. ހަޒާޑްގެ ފިޓްނަސް ރަނގަޅުކުރުމަަށް މަސައްކަތްކުރި ނަމަވެސް، އެ މަގާމަށް ކުޅޭ އެހެން ތަރިންތަކެއް ތިބުމުން އޭނާއަށް ރެއާލުން ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މިދިޔަ ސީޒަނަށް ފަހު ހަޒާޑް ވަނީ ހަތަރު ސީޒަނަށް ފަހު، ރެއާލްގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ. އޭރު ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު ދުވަހުގެ މުއްދަތެއް އޮތެވެ.

ހަޒާޑް ރިޓަޔާމަންޓް އިއުލާންކޮށްފައިވަނީ، އެމެރިކާގެ ކްލަބުތަކަކުން އޭނާއަށް ހުށަހެޅުންތަކެއް ލިބިފައިވަނިކޮށެވެ.

comment ކޮމެންޓް