ޝަކުވާތަކާ އެކު ވެސް ކޮމިޓީން ފާސްކުރީ ނަޝާތަށް ރުހުން ދޭން

އަލީ ނަޝާތާއި ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަކުވާތަކެއް ލިބިފައި ހުއްޓަސް އިތުރު ދައުރަކަށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނަން ފޮނުއްވައިފައިވާ އަލީ ނަޝާތަށް ކޮމިޓީގެ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީއިން މިއަދު ވަނީ ނަޝާތާ އިންޓަވިއުކޮށްފައެވެ.

އިންޓަވިއުގައި ބައެއް މެންބަރުން ވަނީ މީގެ ކުރިން ނަޝާތު އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ މެދު އިތުބާރު ނެތް ކަމަށް ވިދާޅުވެ، އަލުން އެ ކޮމިޝަނަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

އެއާ އެކު ނަޝާތު ވަނީ މެންބަރަކާ މެދު އޮންނަ ޒާތީ މައްސަލައަކާ ހެދި ކޮމިޝަންގެ މަސައްކަތަށް ބުރުއަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާ އެކު އިންޓަވިއުގައި ވާހަކަދައްކަވަމުން ނަޝާތު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބު އަމާންކޮށް ދިޔައީ ފުއާދުގެ ސަބަބުން ނޫން ކަމަށާއި ފުއާދާ މެދު އޭނާގެ އިތުބާރު ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

"އަޅުގަނޑަށް ހީވަނީ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން ވެސް ކޮމިޝަންގެ ރައީސް ކިޔާހާ އެއްޗަކަށް މެންބަރުން އަމަލުކުރަންޖެހޭ ގޮތަކަށް ނޫންހެން ގާނޫނަކީ... ދެން ކޮމިޝަންގެ މަސައްކަތްތައް އޮމާންކަމާ އެކު ހަގީގަތުގައި މި ފަހަރު ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، އަޅުގަނޑު މިހެން ދޮގަކަށް ނޫން، މެންބަރުން ނޫނީ މުވައްޒަފުންގެ މަސައްކަތް، ކޮމިޝަން ޗެއާ އިންނެވީ ގޮނޑީގައި. އިތުރު އެއްވެސް ކަމެއް ނުކުރައްވާ،" ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވީ ގާނޫނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަންގައި ގާނޫނާ އެއްގޮތަށް ކުރާ ހުރިހާ މަސައްކަތެއްގައި އޭނާގެ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންޓަވިއުއަށް ފަހު މި ކޮމިޓީގައި ބައިވެރިވެ ތިއްބެވި 11 މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހައިފައެވެ. އޭގެ ތެރެއިން އަށް މެންބަރުން ނަޝާތުގެ ނަން ތަޅުމަށް ފޮނުވުމަށް ވަނީ ވޯޓު ދީފައެވެ.

ނަޝާތުގެ ދައުރު ހަމަވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިދިޔަ މެއި މަހު އަލުން ރައީސް ޞާލިހު ވަނީ އޭނާގެ ނަން މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް އޭރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމަށް ފަހު މިދިޔަ ޖޫން މަހުގެ 22 ގައި މަޖިލިސް ޗުއްޓީއަށް ދިޔައެވެ.

އެހެންވެ، ނަޝާތަށް ރުހުން ނުދެވި، މިދިޔަ ރިޔާސީ އިންތިޚާބު އީސީން ބޭއްވީ އެއް މެންބަރަކު ނެތިއެވެ.

ނަޝާތު އީސީގެ މެންބަރަކަށް ވެވަޑައިގެންނެވީ ޖުލައި 25، 2018ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ.

comment ކޮމެންޓް