ޑރ މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރެއް ނުވާނެ: ފިރުޒުލް

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވާހަކަދައްކަވަނީ-- ފޮޓޯ: އެލީޒް

ޑރ. މުޙައްމަދު މުއިއްޒުގެ ސަަރުކާރެއްގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަށް އެމަނިކުފާނު ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުލް ޚަލީލު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަށް އިންތިޚާބީ ރައީސް ނިންމެވި ނިންމުމަކީ ސަރުކާރު ވުޒާރާތަކާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ ގެކޮޅާއި، ނައިބު ރައީސްގެ ގެކޮޅާއި އެ ހުރިހާ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ހިމެނޭހެން އެމަނިކުފާނު ނިންމަވާފައި ވާ ނިންމުމެއް ކަމަށެވެ.

މީގެ އިތުރަށް ފިރުޒުލް ވިދާޅުވީ މި އަދަދަކީ ފާއިތުވެ ދިޔަ ދެ ވެރިކަމުގައި ވެސް ސިޔާސީ މަގާމުތައް ހުރި އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ.

އެގޮތުން ދިވެހި ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތްކޮށް އޭނާ ވިދާޅުވީ އެ އަދަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮތް 1063 ސިޔާސީ މަގާމުތަކަށް ވުރެ ވެސް މަދު އަދަދެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް ސިޔާސީ 808 މަގާމު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ގިނަ އަދަދަކަށް މީހުން ތިބުމަކީ ދައުލަތުގެ ހަރަދު ވަރަށް ބޮޑުވާ ކަމެކެވެ. މިހާތަނަށް ދިޔަ ސަރުކާރުތަކުގެ ސިޔާސީ މަގާމުތަކުގައި ބޮޑު މުސާރަ ލިބޭގޮތަށް ތިބި ބައެއް މީހުންނަކީ މާ ބޮޑު މަސައްކަތެއް ވެސް ކުރާ ބައެއް ނޫނެވެ.

comment ކޮމެންޓް