ސަރުކާރުން ލިޔެކިޔުންތަކަށް ބަދަލު ގެންނަކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ތުހުމަތުކޮށްފި

އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވާހަކަ ދައްކަވަނީ ----

ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެންނަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިންތިޚާބީ ރައިސްގެ އޮފީހުން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.

އިންތިޚާބީ ރައީސްގެ އަމިއްލަފުޅު ގެކޮޅު މ. ދިމްޔާތުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ, ވެރިކަން ބަދަލު ވުމުގެ މަރުހަލާގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ފަރާތުން އެއްބާރުލުން ލިބެމުންދިޔަ ނަމަވެސް އިންތިގާލީ މަރުހަލާގެ ރޫހާ ހިލާފަށް ބައެއް ކަންތައްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"ކޮންމެ ވެސް ވަރަކަށް އަޅުގަނޑުމެނަށް މައުލޫމާތު ލިބެމުން އެބަދޭ ދައުލަތުގެ ހިސާބު ކިތާބަށް ކުންފުނިތަކާ މުއްސަސާތަކުގެ ހިސާބު ކިތާބަށް ބައެއް ބަދަލު ގެނައިސް ކުރީގެ ތާރީހު ތަކުގެ ރަސީދުތައް އުފެއްދުމާއި މިފަަދަ ކަންކަން ހިނގަމުންދާ ކަމަށް," ފިރުޒުލް ވިދާޅުވިއެވެ.

އެކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މުވައްޒަފުން މަގާމުތަކަށް ނެގުމާއި އިދާރާތަކުން މަގާމުތައް އުފެއްދުމުގައި ވަކި އުސޫލެއްގެ ދަށުން އަމަލު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އަންގާފައިވާކަން ފާހަގަކޮށް ފުރުޒުލް ވިދާޅުވީ, އެއީ އިންތިގާލީ މަރުހަލާގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އަމާންކަމާ އެކު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ މި ދެންނެވި ރޫހާ އެއްގޮތަށް ސިވިލް ސާވިސްގެ ގާނޫނުގެ ދަށުގައި ނުހިމެނުނު ނަމަވެސް ދައުލަތުގެ ކުންފުނިތަކާ އަދި ހަމައެހެންމެ ހުރިހާ މުއައްސަސާތަކުން ވެސް އަމަލު ކުރަމުން ގެންދާނެ ކަމަށް," ފިރުޒުލް ވިދާޅުވިއެވެ.

ބައެއް ކުންފުނިތަކުން އާ މަގާމުތައް އުފައްދައި ވަޒީފާތަކަށް މީހުން ނަގައި ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެމުން ގެންދާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ނަންތަކެއް ފޮނުވާފައިވާކަން ފާހަގަކޮށް ފިރުޒުލް ވިދާޅުވީ, އެކަން ކުރުމަކީ ގާނޫނުން ރައީސަށް ލިބިގެންވާ ބާރަކަށްވީ ނަމަވެސް އުންމީދު ކުރަނީ އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ކަން އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފައި ވާނެ ރައިސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި މަރުހަލާއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަމާއި ފުރިހަމަ އިތުބާރު ދެއްވާފަވާކަން," ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ދެއްވި އިތުބާރާ އެއްވަރަށް މުޅި ދައުލަތުން ވެސް ކަންކަން ބައްޓަން ކުރާނެ ކަމަށް އުންމީރު ކުރާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބް ކާމިޔާބް ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު, އަންނަ މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން އަންނައިރު އަމާން ކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

comment ކޮމެންޓް