ސިންގަޕޫރުގައި ކޮވިޑްގެ އާ ރާޅެއް، ކޭސްތައް އިތުރުވާނެ ކަމަށް ލަފާކޮށްފި

ސިންގަޕޫރުގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަނީ-- ފޮޓޯ/ ޓުޑޭ އޮންލައިން

ސިންގަޕޫރުގައި ކޮވިޑް-19ގެ އިތުރު ރާޅެއް ފެތުރެމުންދާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ބަޔަކު ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު އޮންގް ޔޭ ކުންގް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ ނޫހެއް ކަމަށްވާ "ޓުޑޭ އޮންލައިން"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި އެންމެ ފަހުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށީ މިދިޔަ މާޗު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އޭގެ ފަހުގައި ރައްކާތެރިވުމުގެ ގޮތުން އެ ގައުމުގައި އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުން ގެންގުޅެފައިނުވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އޮންގް ވިދާޅުވީ މީގެ ތިން ހަފުތާ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1،000 ކޭސް ފެނުނު ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ އަދަދު 2،000 އަށް އަރާފައިވާ ކަމަށެވެ.

ކޭސްތައް އިތުރުވަމުންދާއިރު އެއީ އޮމިކްރޯން ވޭރިއަންޓްގެ ދެ ބާވަތެއް ކަމަށް އޮންގް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރީގެ ވޭރިއެންޓްތަކާ އަޅާ ބަލާއިރު ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް އޮންގް ވިދާޅުވިއެވެ.

އަދި، ކޮވިޑުން ރައްކާތެރިވުމަށް މިހާރު ވެސް ބޭނުންކުރަމުންދާ ވެކްސިނުން ދިފާއުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށް ނުކުރުމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އަދި، ވެކްސިން ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރަންވީ ކޭސްތައް އިތުރުވާނެ ކަމަށް ބަލައިގެން، އެހެން ވެއްޖެ ނަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް،" އޮންގް ވިދާޅުވިއެވެ.

ސިންގަޕޫރުގައި މީގެ ކުރިން އޭޕްރީލް މަހު ކޮވިޑްގެ ކޭސްތައް އިތުރުވި ދުވަސްވަރު ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 4،000 އަށް އަރައިފައެވެ.

comment ކޮމެންޓް