ބޮޑު ދަރަނީގެ ސަބަބުން ރާއްޖެ އޮތީ އިތުރު ޝޮކެއް ނުނެގޭ ހާލަތުގައި: ވޯލްޑް ބޭންކް

ވޯލްޑް ބޭންކު -- ފޮޓޯ/ ރޮއިޓާސް

ދައުލަތުގެ ދަރަނީގެ ތެރެއިން، 2026ވަނަ އަހަރު ގިނަ އަދަދެއް އަނބުރާ ދައްކަން ޖެހުމުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަންނަ އިތުރު ޝޮކެއް ބަރުދާސްތު ކުރުމުގެ ގާބިލުކަން ކުޑަވެފައިވާކަމަށް ވޯލްޑުބޭންކުން ބުނެފިއެވެ.

އެ ބޭންކުގެ ރާއްޖޭގެ ޑިވެލޮޕްމެންޓް އަޕްޑޭޓް ރިޕޯޓުގެ މިމަހުގެ އަދަދުގައި ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 6.5 އިންސައްތައަށް ކުރިއަރާނެއެވެ. އަދި، ކުރިއަށް އޮތް ދެ އަހަރު އެވްރެޖްކޮށް 5.4 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެއެވެ.

ނަމަވެސް، ދުނިޔޭގައި ތަކެތީގެ އަގު އުފުލުމާއި، ދައުލަތުގެ ޚަރަދު އިތުރުން އަދި ފައިސާ ޗާޕުކުރުމުގެ ސަބަބުން، މާލީގޮތުން ގިނަ ދަތިތަކެއް ކުރިމަތިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115 ޕަސެންޓުގައި ދަރަނި ހުރި އިރު، ޖީއެސްޓީ ބޮޑުކުރުން ފިޔަވާ، ޑެފިސިޓް ކުޑަ ކުރުމަށް ހަރުދަނާ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، މި އަހަރަށް ސަރުކާރުން ވައުދުވެފައިވާ، ސަބްސިޑީ ރިފޯމް ގެނެސްފައި ނުވާކަން އެ ބޭންކުން ފާހަގަކުރެއެވެ.

ދެ ހާސް ސައްބީސް ވަނަ އަހަަރު ދައުލަތުން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ، 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް ދެއްކުމަށް 2021ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން 100 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން ގެރެންޓީ ދީފައިވާ ދަރަންޏާއެކު، ޖުމްލަ 1.07 ބިލިއަން ޑޮލަރަށް އެ އަހަރު އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދު އަރައެވެ.

ވޯލްޑް ބޭންކުން ބުނީ، އެސްޑީއެފުން އެ ފައިސާގެ ބައެއް ނެގުނު ނަމަވެސް، ދަރަނި އިތުރަށް ރީފައިނޭންސް ކުރުމަކީ ޚަރަދު އިތުރަށް ބޮޑުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން، އެ މުއްދަތުގައި ރާއްޖެއަށް މާލީގޮތުން އިތުރު ދަތިކަމެއް އަންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެހެންކަމުން، އެ މުއްދަތުގައި އަތުވެދާނެ ޝޮކަކަށް ޖާގަ ލިބޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓން ކުރުމަށް ވޯލްޑް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް