މަޖިލީހުގެ ވެލިދޫ ދާއިރާއަށް އައްބާސް ކުރިމަތިލައްވަނީ

އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ގޮނޑިއަށް 2024 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް ނިންމަވައިފިއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އޭނާއަކީ ފެށުނީއްސުރެ ފެށުނީއްސުރެ ރަށުގެ އަދި ދާއިރާގެ ތަރައްގީއަށް މާލީގޮތުންނާއި އަމަލީ ގޮތުން ވެސް ވަރަށް ގިނަ އެހީތަކެއްވެދެއްވައިފައިވާ ބޭފުޅެއް ކަމަށެވެ. އަދި، ދާއިރާއާއި އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރަން ނުހަނު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެ ދައުރުގައި ވެސް މަޖިލީހަށް ހޮވިވަޑައިގެން މެންބަރުން އެ މަގާމުތަކަށް އައީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ދާއިރާއަށް ކޮށްދެވިފައިނުވާކަން އައްބާސް ފާހަގަކުރެއްވިއެވެ.

"މަޖިލިސްގެ ދެ ދައުރު ނިމިގެން ދިޔައިރު ވެސް އެއްވެސް ކަމެއް ދާއިރާގެ ތަރައްގީއަށް ނުކުރެވި ހުސް ނޫނެއް ގޮތުގައި މި އޮތީ ނ. އަތޮޅު ވެލިދޫ ދާއިރާ. އެންމެ ބޮޑަށް ބޭނުންވަނީ ރަށުގެ ރައްޔިތުންނަށް ދިމާވެފައި ހުރި ރަށުގެ އުމްރާނީ އަދި އިޖްތިމާއީ ކަންކަން ހައްލުކުރުން،" އައްބާސް ވިދާޅުވިއެވެ.

އޭނާގެ އަމާޒަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ތަރައްގީ ގެނެސްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

ނ. ވެލިދުއަށް ނިސްބަތްވާ އައްބާސް ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރައްވައިފައެވެ. އޭނާއަށް އެ އިންތިޚާބުގައި ނާކާމިޔާބު ވީ ކުޑަ ފަރަގަކުންނެވެ.

އައްބާސް ތުހުމަތުކުރައްވާ ގޮތުގައި އެ ކަން އެ ގޮތަށް ވާން ދިމާވީ ސަރުކާރުން ނަހަމަ ނުފޫޒު ބޭނުންކުރުމުގެ ސަބަބުންނެވެ. މަޖިލިސް އިންތިޚާބާ ދިމާކޮށް ވެލިދޫ ހޮސްޕިޓަލް އެޅުމަށް އިން ވަކިކޮށް ބިންގާ އެޅި ކަމަށާއި ނަމަވެސް އޭގެ ފަހުން އެއްވެސް މަަސައްކަތެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނަހަމަ ނުފޫޒު ބޭނުންކުރުމުގެ ސަބަބުން އެ އިންތިޚާބުގައި އަޅުގަނޑު ކުޑަ ތަފާތަކުން ބަލިވީ. ދެން މިހާރު ވެސް ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން މިހާ އަވަސް ފުރުސަތެއްގައި މަޖިލީހަށް ނުކުންނަން ނިންމައި އެ ކަން އިއުލާންކުރެވިގެން ދިޔައީ،" އައްބާސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި އެމްޑީއޭ ބައިވެރިވާތީ އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ވެސް ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ. ނޫންނަމަ، އޭނާ ނުކުންނަވާނީ އެމްޑީއޭގެ ޓިކެޓުގައެވެ.

އައްބާސް އަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދުމުގައި އިސް ސަފުގައި މަސައްކަތް ކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ގޮފިތައް ނ. އަތޮޅުގެ 13 ރަށުގައި އުފެއްދެވުމަށް ވެސް އިސް ސަފުގައި މަސައްކަތް ކުރެއްވިއެވެ.

އެއަށް ފަހު، އެމްޑީއޭ އުފެއްދެވުމަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ކުރެއްވި މަސައްކަތުގައި ވެސް އެ މަނިކުފާނާ އެކު އައްބާސް ހުންނެވިއެވެ. އެމްޑީއޭ އުފެދުނީއްސުރެ އޭނާއަކީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ. އަދި، މިހާރު އޭނާ އަކީ އެ ޕާޓީގެ ޕޮލިސީ އެންޑް ޑިވަލޮޕްމަންޓް ކޮމިޓީގެ ނައިބު ރައީސެވެ.

comment ކޮމެންޓް