މަޖިލީހަށް މެންބަރުން އިތުރުވުން ހުއްޓުމަކަށް އަންނަންޖެހޭ: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިތުރުވާ އިތުރުވުން ހުއްޓުމަކަށް ގެންނަން ޖެހޭނެ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވީ، ކުރިއަށް އޮތް 20ވަނަ މަޖިލިސް އިންތިޚާބަށް ދާއިރާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އަންނަ މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ މީގެ ކުރިން ވެސް މެންބަރުން އިތުރުވާ އިތުރުވުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރި ކަމަށާއި އެހެންނަމަވެސް އެކަމަށް މެންބަރުންގެ ތާއީދު ލިބިފައިނުވާ ކަމަށެވެ.

އާމިރު ވަނީ މީގެ ކުރިން 17، 18 އަދި 19 ވަނަ މަޖިލީހުގައި ވެސް މެންބަރުން އިތުރުނުވާ ގޮތް އިސްލާހެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެކަމަށް ތާއީދު ނެތުމާ އެކު އެކަން ވެފައެއް ނުވެއެވެ.

އެކަން ފާހަގަކުރައްވާ އާމިރު ވިދާޅުވީ ބައެއް މެންބަރުން އެއީ ކުރަން ހެޔޮ ނުވާވަރު ކަމެއްގެ ގޮތުގައި ބަހުސްކުރި ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އޮތް މި ދައުރުގެ އަށްވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ އޭނާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ "ރައްޔިތުންގެ މަޖިލިސް ޖަޕާނު މަހުގެ ގޮތުގައި ސިފަވެފައި" ވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

މަޖިލީހަށް މެންބަރުން އިތުރުވާ އިތުރުވުމަށް ދަ ޑިމޮކްރެޓްސްއިން ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. ޑިމޮކްރެޓުންގެ އިސްލާހުގައި ހުށަހަޅާފައިވާ ގޮތުން، މުޅި މަޖިލީހުގައި ހިމެނޭނީ 76 މެންބަރުންނެވެ. އެއީ، އިދާރީ ދާއިރާތަކަށް ނިސްބަތްވާ 55 ގޮނޑި އާއި ނެޝަނަލް ލިސްޓުގެ 11 ގޮނޑީގެ އިތުރުން، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ 10 ގޮނޑިއެވެ.

މި އިސްލާހަކީ، ދައުލަތުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ، އަދި ހުރިހާ އެންމެން ތަމްސީލުވާނެ ގޮތަކަށް ކަމަށް، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މީގެ ކުރިން 'ސަން'އަށް ވިދާޅުވެފައެވެ.

އެ އިސްލާހާ ގުޅިގެން އާމިރު ވިދާޅުވީ، ޚަރަދު ކުޑަކުރަން ނަމަވެސް އެއީ އެއްގޮތަކަށް ވެސް ރަނގަޅު ފޯމިއުލާއެއް ނޫން ކަމަށެވެ. އެއަށް ވުރެ ރައްޔިތުން ނިންމާ ނިންމުމެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އާމިރު ވިދާޅުވިއެވެ.

އަންނަ އަހަރު އިންތިޚާބު ކުރާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުވެއެވެ. އެ ގޮނޑިތައް އިތުރުވާ ދާއިރާތަކަކީ؛

  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ

އެންމެ ފުރަތަމަ މަޖިލީހަށް ގިނަ މެންބަރުންތަކެއް ހޮވައިފައި ވަނީ 17 ވަނަ މަޖިލީހާ ހިސާބުންނެވެ. ދެން އަންނަ މަޖިލީހެއްގައި 93 މެންބަރުން ތިބޭއިރު މިދިޔަ މުއްދަތުގައި 16 މެންބަރުން ވަނީ އިތުރުވެފައެވެ.

މިއީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ މެންބަރުން ވެސް ގަބޫލުކުރައްވާއިރު އިތުރުވާ ކޮންމެ މެންބަރަކާ އެކު މުސާރައިގެ އިތުރުން ޕެންޝަން ފައިސާއާ އިނާޔަތްތައް ވެސް އިތުރުވާނެއެވެ. އެއާ އެކު ޚަރަދު ވެސް ބޮޑު ވާނެއެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ މަޖިލީހުގެ މެންބަރުން އެންމެ ގިނަ ގައުމެވެ.

comment ކޮމެންޓް