ދެކުނު ކޮރެއާއިން ގޫގުލް އާއި އެޕަލް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފި

މަޝްހޫރު ޓެކް ދެ ކުންފުނި ކަމަށްވާ ގޫގުލް އާއި އެޕަލް ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެކުނު ކޮރެއާއިން ދީފިއެވެ.

ދެކުނު ކޮރެއާގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރު، ކޮރެއާ ކޮމިއުނިކޭޝަންސް ކޮމިޝަން (ކޭސީސީ)އިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ވަނީ ޓެކް ކުންފުނިތައް ކަމަށްވާ އަލްފަބެޓް އިންކްގެ ގޫގުލް އާއި އެޕަލް އިންކްއާ ދެކޮޅަށް މުހިންމު ސްޓޭންޑެއް ނަގައިފައި ވާކަމަށް ބުނެފައެވެ.

އިއްޔެ ކޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޫގުލް އާއި އެޕަލްގެ މައްޗަށް، އެޕް މާކެޓުގައި އެ ދެ ކުންފުނީގެ ބާރުގަދަ މަގާމުތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އޭގެ ސަބަބުން ޖުމްލަ 50.5 މިލިއަން ޑޮލަރާ ހަމައަށް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ކަމަށެވެ.

ކޭސީސީގެ ބަޔާނުގައި ވަނީ ގޫގުލް އާއި އެޕަލްއިން ވެސް އެޕް ޑިވެލޮޕަރުންނަށް ވަކި ޕޭމަންޓް މެތަޑްތަކެއް ބޭނުންކުރަން މަޖުބޫރުކޮށް، އެޕް ރިވިއު ކުރުމުގެ މަރުހަލާގައި ބޭއިންސާފުން ލަސްތަކެއް ކުރިމަތިކުރުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެއީ ސައުތު ކޮރެއާގެ ޓެލެކޮމިއުނިކޭޝަން ވިޔަފާރީގެ ގާނޫނާ ޚިލާފު ކަންތައްތަކެވެ.

ކޭސީސީއިން މިހާރު ގޫގުލް އާއި އެޕަލްއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދާއިރު، ޖޫރިމަނާ ކުރުމާމެދު ވިސްނާނެކަމުގެ އިޝާރާތެއްވެސް ވަނީ ދީފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނީ ކޭސީސީއިން ހިއްސާކުރި ކަމަކީ "ޕްރީ ނޯޓިސް" ކަމަށާއި ވަރަށް ފަރުވާތެރިކަމާއެކު ރިވިއުކޮށް ޖަވާބު ހުށަހަޅާނެ ކަމަށެވެ.

އެޕަލް އިން ވެސް ކޭސީސީއަށް ރައްދު ދެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނިންމުންތަކާ ދެކޮޅު ހަދާ ކަމަށާއި އެޕް ސްޓޯރަށް ގެނައި ބަދަލުތަކަކީ ޓެލެކޮމިއުނިކޭޝަން ވިޔަފާރީގެ ގާނޫނާ ޚިލާފަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ކަންކަން ކުރަމުން އައި ފަދައިން، ކޭސީސީއާ ގުޅިގެން އަޅުގަނޑުމެންގެ ޚިޔާލުތައް ހިއްސާކުރަމުން ގެންދާނަން." އެޕަލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާއި އެ ކުންފުނިތަކުގެ މާކެޓް ޕްރެކްޓިސްތައް ބެލުމުގެ އިތުރު ފިޔަވަޅަކަށް ވާއިރު، ދެކުނު ކޮރެއާއިން ވަނީ ގޫގުލް އާއި އެޕަލްގެ އަމަލުތައް އެގައުމުގެ ބޯޑަރު ތެރޭގައި ރެގިއުލޭޓް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.

comment ކޮމެންޓް