އެކްސްގައި ހިއްސާކުރާ ޚަބަރު ލިންކުތަކުގެ ސުރުޚީ ދެން ނުފެންނާނެ

މިހާރު ޚަބަރު ލިންކް އެކްސްގައި ޝެއާ ކުރުމުން، ޚަބަރުގެ ސުރުޚީ ފެންނަން ނުހުންނާނެ --

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރާ ޚަބަރުތަކުގެ ލިންކްއިން، ހެޑްލައިންތައް ނުފެންނަ ގޮތަށް ހަދައިފިއެވެ.

ޚަބަރާއި އެހެނިހެން ލިންކްތައް މިހާރު އެކްސްއިން ފެންނަނީ އެއްވެސް ލިޔުމެއް ނެތް، ފޮޓޯތަކެއްގެ ގޮތުގައެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން މަސްކް ޓްވިޓާއާ ހަވާލުވެ، އެ ކުންފުނީގެ ނަން އެކްސްއަށް ބަދަލުކޮށް، އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް, ބޮޑެތި ބަދަލުތަކެއްވަނީ ގެނެސްފައެވެ.

އެކްސްގައި މީގެ ކުރިން މަނާކޮށްފައިވާ ކޮންސްޕިރެސީ ތިއަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް އެ ޕްލެޓްފޯމަށް ވަނުމުގެ ފުރުސަތު މަސްކް އަލުން ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެކްސްގައި އިޝްތިހާރުކުރާ މީހުން އެ ޕްލެޓްފޯމް ދޫކޮށްލާފައިވެެއެވެ.

މީގެ އިތުރުން ނޫސްތަކާއި ނޫސް އޭޖެންސީތަކާ ވެސް މައްސަލަ ޖެހި، މަސްކް ވަނީ ވޮޝިންޓަން ޕޯސްޓާއި ސީއެންއެން ފަދަ ބޮޑެތި ނޫސްތަކުގެ ބައެއް ނޫސްވެރިންނަށް އެކްސްގައި ފިޔަވަޅު އަޅާފައެވެ. އޭގެ ސަބަބުން ބައެއް މީޑިއާ ގްރޫޕްތަކުން ވަނީ އެކްސްއަށް ޕޯސްޓް ކުރުން މުޅިން ހުއްޓާލައިފައެވެ.

އޭއެފްޕީ އާއި ފްރާންސްގެ އެހެން ނޫސްތަކުން މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ވަނީ އެކްސްއިން ކޮޕީރައިޓްސްއާ ޚިލާފުވެފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެކްސްގައި ހިއްސާ ކުރާ ޚަބަރުތަކުގެ ލިންކްތައް ނުފެންނަ ގޮތް ހަދާނެކަން މަސްކް ފުރަތަމަ އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ ސީދާ އޭނާގެ ފަރާތުން ގެންނަ ބަދަލެއް ކަމަށެވެ.

މި ބަދަލުގެ ސަބަބުން، ނިއުސް މީޑިއާ ޖަމިއްޔާތަކާ އެކްސްއާ އޮންނަ ގުޅުން އިތުރަށް ހީނަރުވެދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މީގެ އިތުރުން މި ބަދަލާ ހެދި ޚަބަރާއި އެހެނިހެން ބާވަތްތަކުގެ މައުލޫމާތާ ތަފާތުކުރަން މިހާރު ދަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން މައުލޫމާތުގެ ސައްހަކަމާ މެދު ސުވާލު އުފެދިދާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ އެކްސްއަކީ އެހެން ސޯޝަލް މީޑިއާތަކާ އަޅާބަލާއިރު ދޮގު މައުލޫމާތާއި ދޮގު ޚަބަރުތައް ފެތުރުމުގެ ފުރުޞަތު އެންމެބޮޑަށް އޮތް ޕްލެޓްފޯކަމަށް ބުނެފައެވެ.

comment ކޮމެންޓް