ޓްރާންސިޝަން މުއްދަތަށް ހަތް ކަމެއް މަޑު ޖައްސާލަން ހުށަހަޅައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ބަދަލުވާ އިންތިގާލީ މުއްދަތުގައި ހަތް ކަމެއް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސްގެ ފަރާތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައި ވަނީ ސަރުކާރު ބަދަލުކުރުމުގެ ކަންކަން ފަަސޭހަ ކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، އެ ކަންކަން މަޑު ޖައްސާލުން މުހިއްމު ކަމަށެވެ.

އެގޮތުން މަޑުޖައްސާލަން ހުށަހަޅުއްވާފައިވާ ކަންކަމަކީ؛

  • ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންވެސްޓުކުރުން
  • ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ދިނުން
  • ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން
  • ބައިނަލްއަޤްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ސޮއިކުރުން
  • ޕީއެސްއައިޕީ އާއި އެހެނިހެން ޕްރޮގްރާމްތަކުން އާ ޕްރޮޖެކްޓުތައް ފެށުން
  • ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެނައުން
  • ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ވެއްދުން އަދި ޕްރޮމޯޝަން ދިނުން

އިންތިޚާބީ ރައީސްގެ ސިޓީގައި ވަނީ، އިންތިޚާބު ނިމުމާ އެކު، ރައީސް ދެއްކެވި ޑިމޮކްރެސީގެ ނަމޫނާއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ސަރުކާރު ބަދަލުކުރުމުގައި، އެއްބާރުލުން ދެއްވުމަށް ޔަގީންކަން ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އިއްޔެ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވެސް ވަނީ ސަރުކާރު ކުންފުނިތަކަށް އާ މަޝްރޫއުތައް ނުހިންގަން ގޮވާލައިފައެވެ.

މުއިއްޒުގެ ފަރާތުން ވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.

comment ކޮމެންޓް