ވޯލްޑް ކަޕް 2034 ބޭއްވުމަށް ސައުދީން ކުރި ބިޑަށް ރާއްޖޭގެ ތާއީދު

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވޯލްޑް ކަޕް 2034 ބޭއްވުމަށް ސައުދީ އަރަބިއާ އިން ކުރި ބިޑަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.

އިއްޔެ ބޭއްވި ފީފާގެ ކައުންސިލް ބައްދަލުވުމުގައި މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް 2030 ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް 2030 ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، މުބާރާތް ބާއްވަން ފެށިތާ ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ވޯލްޑް ކަޕް 2030ގެ ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއޭއެވެ. ގަރުނެއް ފާހަގަކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި އުރުގުއާއީގެ ވެރިކަން ކުރާ ސިޓީ، މޮންޓެވީޑިއޯގައެވެ.

ވޯލްޑް ކަޕް 2030 ބާއްވާ ގައުމުތައް ފީފާއިން އިއުލާންކޮށްފައިވާ އިރު، ވޯލްޑް ކަޕް 2034 އަށް ބިޑު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. ޔޫރަޕާއި އެފްރިކާ އަދި ދެކުނު އެމެރިކާގައި 2030ގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭތީ، 2034ގެ ވޯލްޑް ކަޕަށް ބިޑު ކުރުމުގެ ފުރުސަތު ލިބޭނީ އޭޝިއާ އަދި އޭޝޭނިއާގެ ގައުމުތަކަށެވެ. މިހާރު ސައުދީ އަރަބިއާ އިން ވަނީ ވޯލްޑް ކަޕް 2034ގެ ވޯލްޑް ކަޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބިޑުކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕް 2034 ބޭއްވުމަށް ސައުދީން ހުށަހަޅާފައިވާ ބިޑަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ވޯލްޑް ކަޕެއް ބޭއްވުމުގެ ފުރުސަތު ލިބުން އެ ގައުމަށް ހައްގު ކަމަށެވެ.

ސައުދީގެ ފުޓުބޯޅައަށް ގިނަ ބަދަލުތަކެއް ގެނެސް، ފުޓްބޯޅަ އިންފްރާސްޓްރަކްޗާތައް އިތުރުކުރުމުގެ މަސައްކަތާއެކު ސަރަހައްދީ ފުޓްބޯޅައަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށާއި ސައުދީގެ ބިޑަކީ ފުޓްބޯޅައަށް ލޯބި އޮތް ކޮންމެ ގައުމަކުންވެސް ތާއީދުކުރާނެ ބިޑެއް ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

ވޯލްޑް ކަޕް 2034 ބޭއްވާނެ ގައުމެއް ކަނޑައެޅުމަށް ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ފީފާގެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގައި މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް 2030 ބޭއްވުމަށް ނިންމާފައިވާ ނިންމުން ވެސް ރަސްމީކޮށް ފާސްކުރާނެއެވެ.

comment ކޮމެންޓް