މުދައްރިސުން ނުލިބެނީ މޮޅު ދަރިވަރުން މި ދާއިރާ ޚިޔާރު ނުކުރާތީ: އެޑިއުކޭޝަން މިނިސްޓަރު

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މުދައްރިސުން ލިބުމަށް ދަތިވަނީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ މުދައްރިސުން ލިބުމުގެ ދަތި ކަމަކީ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ގައުމަތަކާއި، ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ދިމާވާ މައިގަނޑު ސަބަބުތައް އދ.ގެ ތައުލީމާ ގުޅުންހުރި އިދާރާ ޔުނެސްކޯއިން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ސަބަބަކީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރުންކަމަށް އެ އިދާރާއިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޔުނެސްކޯއިން ފާހަގަ ކުރާ ގޮތުގައި ދިވެހިރާއްޖެ ހިމެނޭ ފަދައިން ހުރިހާ ގައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސް ކަން ހިޔާރު ނުކުރާ ކަން. މުދައްރިސުން މަސައްކަތް ކުރަން ޖެހޭ މާހައުލުގެ ސަބަބުން މި ދާއިރާއަށް އޮތް ޒަމާންވީ ޝައުގުވެރިކަން ދަނީ ނެތެމުން." މިނިސްޓަރު ވިދާޅުވިއެވެ.

މި ދާއިރާގައި ފިރިހެނުން މަސައްކަތް ކުރާ މިންވަރު މަދުވުމަކީ ވެސް މުދައްރިސުން ހޯދުމުގައި ދަތިތަކެއް ދިމާވާ ކަމެއް ކަމަށް ޔުނެސްކޯއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު އަންހެން މުދައްރިސުންގެ އަދަދު 75 ޕަސެންޓަށް އަރާއިރު ބިދޭސީންގެ އަދަދު 22 ޕަސެންޓަށް އަރާ ކަމަށެވެ. އަދި މި ތަފާސްހިސާބުތަކުން ވެސް ރާއްޖޭގެ ތައުލީމީ ދާއިރާ އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއެރުވެން އެބަ އޮތްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުދައްރިސުން ހޯދުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ޔުނެސްކޯއިން ހުށަހަޅާފައިވާ ހައްލުތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި، މަސައްކަތް ފަށައިގަންނަ މުދައްރިސުންގެ ތައުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން ހިމެނެއެވެ. އެގޮތުން ކޯސްތަކުގެ ފީގެ އިތުރުން ކިޔަވާ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ޔުނެސްކޯއިން ފާހަގަ ކުރި ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަށް ދޭ އުޖޫރައެވެ.

"މި އިނާޔަތްތައް ވާން ޖެހޭނީ މުދައްރިސަކަށް ވާން ކިޔަވަންޖެހޭ މުއްދަތާއި، މަސައްކަތްކުރާ ގަޑިއާ އަޅާ ބަލާއިރު އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓީޗަރުން ކިޔަވައިދިނުމަށް ހުސްވާގޮތަށް އިދާރީ މަސައްކަތްތައް މަދުކޮށް، މަސައްކަތު ވަގުތުތައް އެދެވޭ މިންވަރަށް ހިފަހައްޓާ، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ހަމައެއާއެކު މިނިސްޓަރު ވަނީ މިއީ 21 ވަނަ ގަރުނު ކަމަށާއި އެހެންކަމުން އިއްޔެ ތައުލީމު ދިން ގޮތަށް މިއަދު ތައުލީމު ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީނުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި، ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް