ކޮމްޕޮޒިޝަން ބަދަލުވިޔަސް، ކޮމިޓީތަކުގެ މަސައްކަތް ނުހުއްޓޭނެ ގޮތެއް ހޯދަންޖެހޭ: އާމިރު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ކޮމްޕޮޒިޝަނަށް އަންނަ ބަދަލަކާ އެކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަށް އަންނަ އައުން ނިމުމަކަށް އަންނާނެ ގޮތަކަށް ކަންކަން ރާވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުދަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މިރޭ ވިދާޅުވެއްޖެއެވެ.

ކޮމިޓީތަކުގެ މަސައްކަތް އަލުން ފެށުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ މެންބަރުންތަކެއް ޕާޓީ ބަދަލުވީމާ އޭގެ އަސަރު މުޅި މަޖިލީހަށް ނުކުރާ ކަމަށެވެ.

އެއީ، މަދު މެންބަރުންތަކެއްގެ ތެރޭ އަންނަ ބަދަލެއް ކަމަށާއި އެ ކަމުގައި ހުރިހާ ކޮމިޓީއެއްގެ މަސައްކަތް ސަސްޕެންޑު ކުރުމުން މުޅި މަޖިލިސް ހުއްޓޭނެކަމަށް އާމިރު ވިދާޅުވިއެވެ.

"އެހެންނޫނީ އަނެއްކާ ވެސް އެކަހަލަ މަޖިލީހެއްގައި މިކަހަލަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ،" ކޮމިޓީތައް ހުއްޓިފައި ގިނަ ދުވަސް އޮތް އޮތުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ގަބޫލުކުރަން ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. މަޖިލީހުގައި މިހާރު ވެސް ކޮމިޓީ މަރުހަލާގައާއި ބަހުސް މަރުހަލާގައި ގިނަ ކަންތައްތަކެއް ހުއްޓިފައި އެބައޮތް ކަމަށް އާމިރު ވިދާޅުވިއެވެ.

"ކުޑަހުވަދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު ކަމެއް ނުކުރާހާ ހިނދަކު ކޮމިޓީގެ ދާއިމީ މެންބަރެއްގެ އުމުރު ނިމެންދެކަށް ހުންނަން ޖެހޭކަހަލަ ގޮތަކަށް. އެ ހައިސިއްޔަތު ބަދަލުވާ މީހާ ރިޕްލޭސްކުރަން އޮންނަ ނަމަވެސް ކޮމިޓީގައި އެއް މެންބަރަކު ދެ މެންބަރަކު މަދު ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް އޮތުން ދާއިމީ ހައްލަކީ،" އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މައިގަނޑު މަސައްކަތް ކުރަނީ ކޮމިޓީތަކުން ކަމަށެވެ. ތަޅުލުމުގައި އޮންނަނީ ހަމައެކަނި ބަހުސް ކުރުމާއި ވޯޓަށް އެހުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަން ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވައިދުތަކަށް ބަދަލު ގެނައުން މުހިންމު ކަމަށާއި އެ ކަން ކުރެވޭނީ ގައުމީ ވިސްނުމަކުން ކަމަށް އާމިރު ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މިއަދު އަލުން ފެށިފައިވަނީ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ބަދަލުވެ އެކުލަވައިނުލެވި ހަތަރު މަހެއްހާ ދުވަސް އޮތުމަށް ފަހުގައެވެ.

https://sun.mv/182784

އަލުން ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާއިރު އާމިރު ވަނީ ގަވަައިދު އެ ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި އަނެއްކާ ވެސް ހަމަޖެހިފައެވެ.

comment ކޮމެންޓް