އިންޑިއާއިން ކެނެޑާގެ 41 ޑިޕްލޮމެޓުން ބޭރުކޮށްލަނީ

އިންޑިއާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަން

ނިއުދިއްލީ (4 އޮކްޓޯބަރު 2023) : އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓަކު ބޭރުކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް"،ގައި އިންޑިއާގެ ޚާރިޖީ މަސްއޫލުވެރިއަކާ ހަވާލާދީ ބުނިގޮތުގައި މިހިނގާ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން މި 41 ޑިޕްލޮލޭޓުން އިންޑިއާއިން ބޭރުވާންޖެހޭނެކަން ނިއުދިއްލީގައި ހުންނަވާ ކެނެޑާގެ ހައިކޮމިޝަނަރަށް ވަނީ ދަންނަވާފައެވެ.

އިންޑިއާއާއި ކެނެޑާއާ ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް އުފެދިގެން އުޅޭތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. މި މައްސަލަ އުފެދުނީ ކެނެޑާގައި ދިރިއުޅޭ އިންޑިއާ ސިކުންގެ ދަރިކޮޅުގެ އިދިކޮޅު ލީޑަރަކު ކެނެޑާގައި މަރާލުމާގުޅިގެން އެޖަރީމާގެ ފަހަތުގައިވަނީ އިންޑިއާގެ ޖާސޫސީ ބޭރުގެ ކަންކަމާބެހޭ ޖާސޫސީ އިދާރާ (ރޯވް) ކަމަށް ކެނެޑާގެ ބޮޑުވަޒީރު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

މި ތުހުމަތުތަކާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކެނެޑާއިންވަނީ އެ ގައުމުގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުންގެ ތެރެއިން އިސް ޑިޕްލޮމޭޓަކު ބޭރުކޮށްލާފައެވެ. ބޭރުކޮށްލި އިންޑިއާގެ ޑިޕްލޮމެޓަކީ އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ ޖާސޫސީ އިދާރާ "ރީސާޗް އެންޑް އެނަލިސިސް ވިންގް" (ރޯވް)ގެ އިސް ޖާސޫސެއްކަމަށާއި އޭނާ އުޅެމުންދިޔައީ ކެނެޑާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިސް ޑިޕްލޮމެޓަކަށް ވެގެން ޑިޕްލޮމެޓިކް އިމްތިޔާޒުތައް ހޯދައިގެންކަމަށް ކެނެޑާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ކެނެޑާގެ މި ތުހުމަތާ އަދި ޑިޕްލޮމޭޓު ބޭރުކޮށްލި މައްސަލާގައި އިންޑިއާވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިކަމަށް ރައްދު ދެމުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ކެނެޑާ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި ކެނެޑާއަށް ޑިޕްލޮމެޓިކް ގޮތުން ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ ބުނެފައިވާގޮތުން ކެނެޑާގައި ދިރިއުޅޭ އިންޑިއާގެ ސިކުން ދަރިކޮޅަށް ނިސްބަތްވާ އިދިކޮޅު ލީޑަރެއްކަމަށްވާ ހަރުދީޕް ސިންގް މަރާލުމުގައި އިންޑިއާގެ އެއްވެސް ދައުރެއް އަދި ބައިވެރިވުމެއް ނޯންނާނެއެވެ.

އިންޑިއާގެ އިދިކޮޅު ސިކުންގެ ލީޑަރެއްކަމަށްވާ ހަރުދީޕް ސިންގްގެ ގަޔަށް ބަޑިޖަހައިގެން މަރާލާފައިވަނީ މިދިޔަ ޖޫންމަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައިވަނީ ކެނެޑާގެ ސިޓީއެއްކަމަށްވާ ވެންކޫވަރުގެ ސަރަހައްދެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގެ ފައްޅިއެއްގެ ބޭރުގައި އޮތް ވެހިކަލެއްގައި އިންދައި މޫނު ނިވާކޮށްގެން ތިބި ދެމީހަކު އޭނާގެ ގަޔަށް ބަޑިޖަހައިގެންނެވެ.

އިންޑިއާގެ ސިކުންގެ ތެރޭގައި ސިކުންނަށް ވަކި ދައުލަތެއް އުފައްދައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީއެއް އޮވެއެވެ. އެއީ "އަކާލިދާލް" ނަމަކަށް ކިޔާ ޕާޓީއެކެވެ. އެޕާޓީ މަސައްކަތް ކުރަމުންގެންދަނީ ސިކުންގެ ސްޓޭޓްކަމަށްވާ ޕަންޖާބްގައި ސިކުންނަށް ޚާއްސަ ވަކި ދައުލަތެއް އުފެއްދުމަށެވެ.

އިންޑިއާއިން މިކަން ސިފަކުރަނީ ބަޣާވާތުގެ އަމަލެއްގެ ގޮތުގައެވެ. މިކަމަށް މަސައްކަތްކުރާ "އަކާލިދާލް" ޕާޓީއަކީވެސް އިންޑިއާގައި މަނާ ޕާޓީއެކެވެ. ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރެވޭ ޕާޓީއެކެވެ. "ފައިއިނޭޝަލް ޓައިމްސް" ބުނާ ގޮތުން އިންޑިއާގައި ކެނެޑާގެ 62 ޑިޕްލޮމެޓުން ތިއްބަވައެވެ. މިމައްސަލައާ ގުޅިގެން އިންޑިއާއިން އަންގާފައި އޮތީ ޑިޕްލޮމެޓުންގެ އަދަދު 21 އަށް މަދުކުރުމަށެވެ.

comment ކޮމެންޓް