ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީގެ ވެރިއަކަށް އަބްދުއްރަހީމް

އަބްދުއްރަހީމް އަދި މުއިއްޒު -- ފޮޓޯ/ ޕީއެންސީ

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލާ އިންތިގާލީ ކޮމެޓީއަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ހަމަޖައްސައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބް ޑރ. މުއިއްޒު ކާމިޔާބް ކުރުމާއެކު އަންނަ މަހުގެ 17 ވަނަ ދުވަހު އެމަނުކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރީތައް ވާން ވަނީ ފަށާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ކެމްޕޭނު ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު 'ސަން' އަށް ވިދާޅުވީ, މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީގެ ވެރިއަކަށް ހަމަޖެއްސުމަށް އަބްދުއްރަހީމްގެ ނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުވާފައިވާ ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރްހަލާގައި، ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް ޚާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް 54 ޕަސެންޓް ވޯޓު ލިބިލެއްވިއިރު ރައީސް ޞާލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

މުއިއްޒަށް ރައީސްކަން ކަށަވަރުވުމުން، ރައީސް ޞާލިޙް ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް