ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމްގެ މަޝްވަރާގެ މަތިން: ޑިމޮކްރެޓްސް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ނިޒާމީ ވޯޓުގެ ކަންކަމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށްދާނީ ވެރިކަމަށް އިންތިޚާބުވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ މަޝްވަރާގެ މަތިން ކަމަށް އެ ޕާޓީގެ އިންޓެރިމް ކައުންސިލުގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވީ އިރު، ނިޒާމީ ވޯޓާބެހޭ ގަރާރެއް ޑިމޮކްރެޓުންގެ ފަރާތުން މަޖިލީހަށް ހުށަހަޅާ، ފާސްކުރުމަށް ފަހު، އިލެކްޝަންސް އަށް ވަނީ ހުށަހަޅާފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެކަން އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

މަޖިލީހުން އެ ގަރާރު ފާސްކުރުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ މެންބަރުން ވޯޓުދީފައެއް ނުވެއެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން އެ ގަަރާރަށް ވަނީ ތާއީދުކޮށްފައެވެ.

އެ ގަރާރާ ގުޅިގެން ސާފު ކުރަންޖެހޭ ބައެއް ކަންކަން ސާފު ކޮށްދިނުމަށް އެދި، އީސީން މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، އޭގެ ފަހުން އަދި މަޖިލީހުގެ ކޯރަމް ހަމަނުވާތީ، ޖަލްސާއެއް ބޭއްވިފައި ނުވެއެވެ.

މެންބަރު ހަސަން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

'ސަން'އާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މުއިއްޒުގެ ޓީމާއެކު މަޝްވަރާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑިމޮކްރެޓްސްގެ ބައިވެރިވުން މުއިއްޒުގެ ސަރުކާރެއްގައި އޮންނާނީ ކިހާ މިންވަރަކަށް، އަދި ކޮން ގޮތަކަށްކަން އެނގިގެންދާނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ މަޝްވަރާތައް ފެށޭނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވަނިކޮށް ވެސް، ޕީޕީއެމްއާއި، ޑިމޮކްރެޓްސްގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އެ މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހި އިންތިޚާބުގެ ފުރަތަމަ ބުރަށް ދެ ޕާޓީ ވެސް ނުކުތީ ވަކިންނެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް އެ ދެޕާޓީގެ މެދުގައި ކޯލިޝަން ހެދުމަށް ކުރި މަޝްވަރާތައް ވެސް ކާމިޔާބެއް ނުވިއެވެ.

comment ކޮމެންޓް