މުއިއްޒަށް ލަންކާ ރައީސްގެ މަރުހަބާ، އެދިވަޑައިގަތީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން

މުއިއްޒަށް ލަންކާ ރައީސްގެ މަރުހަބާ ކިޔުން--

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މަރުހަބާ ދަންނަވައި، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގެންފިއެވެ.

އެ ގައުމުގެ ރައީސްގެ މީޑިއާ ޑިވިޝަން ޕީއެމްޑީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ވިކްރަމަސިންހަ ވަނީ މުއިއްޒަށް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެފައެވެ.

އެ ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި އިގްތިސާދީ ގޮތުން ދެ ގައުމު ދެމެދު އޮތް ގުޅުން ވެސް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ހަމައެއާއެކު ތައުލީމާއި ސިއްހީ ޚިދުމަތާއި، ވިޔަފާރީގެ ދާއިރާ ފަދަ ތަފާތު ދާއިރާތައް ހިމެނޭގޮތަށް، ދެ ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނައުމުގައި މަސައްކަތް ކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.

ރަނިލް ވަނީ އެކަންކަން ކުރެއްވުމަށް އެ ގައުމުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ ކުރިއަރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލްގެ އިތުރުން، ލަންކާގައި ކުރިން ރައީސް ކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ ވެސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި ލަންކާގެ ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަވައްޓެރި އެހެނިހެން ގައުމުތަކުގެ ލީޑަރުން ވެސް އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ޕާކިސްތާނުން ވެސް ވަނީ މުއިއްޒަށް މަރުހަބާ ކިޔައިފައެވެ.

comment ކޮމެންޓް