ބާސާއާ އެއްކޮޅަށް ރެފްރީން ނިންމުންތައް ނިންމާ ތަނެއް ނުފެނޭ: ޒަވީ

ބާސާގެ ކޯޗު ޒަވީ

މެޗުތަކުގައި ނިންމުންތައް ނިންމުމަށް ރެފްރީން ވަކި ހާއްސަ ގޮތަކަށް ބާސެލޯނާއާ މެދު ކަންތައްތައް ބަހައްޓާކަން ފާހަގަނުވާ ކަމަށް އެ ކްލަބުގެ ކޯޗު ޒަވީ ބުނެފިއެވެ.

ޒަވީ އެހެން ބުނެފައިވަނީ ބާސާއިން ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއާ އެކު ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރަމުން ދަނިކޮށް އެކަމާ ތަކުރާރުކޮށް ސުވާލު ކުރުމުންނެވެ.

"ނެގްރެއިރާ މައްސަލައިގެ ޝަރީއަތްތައް އަންނަ ހަފުތާ، އޭގެ ޖެހިގެން އަންނަ ހަފުތާ އަދި ކޮންމެ ހަފުތާއަކާއި ކޮންމެ މަހަކު ވެސް ކުރިއަށްދާނެ. އަހަރެންނަށް ދުވަހަކު ވެސް ނުފެނޭ ރެފްރީން އަހަރެމެންނާ އެއްކޮޅަށް ތިބެގެން ނިންމުންތައް ނިންމާ ތަނެއް،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ރެފްރީންނަށް ފައިސާ ދީ، ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބާސާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ދިޔައީ އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލަމުންނެވެ.

ބާސާއިން އެ ފައިސާގެ މުއާމަލާތް ހިންގާފައިވަނީ ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކާއެވެ. މި މަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމެއްގައި ފަނޑިޔާރަކު ވަނީ ނެގްރެއިރާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިއަށްދެއެވެ.

އެ މައްސަލައިގައި ބާސާއިން ބުނެފައިވާ ގޮތުގައި ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަށް ފައިސާ ދައްކާފައިވަނީ ސްކައުޓިން ރިޕޯޓުތައް ހެދުމަށެވެ.

comment ކޮމެންޓް