މާލެއާއި، ކުޅުދުއްފުށި އަދި އައްޑޫ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާ ހަމަޖައްސައިދޭނަން: މުއިއްޒު

މިރޭގެ އިވެންޓުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ އެލީޒް

މާލޭގެ ހޮސްޕިޓަލްތަކުގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"މުއިއްޒު ރައްޔިތުންގެ ގާތަށް"ގެ ނަމުގައި މިރޭ ކުރިއަށްދާ ސުވާލާ ޖަވާބު ސެޝަންގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސިއްހީ މެނިފެސްޓޯގެ ދަށުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުން ފުރިހަމައަށް ހިފުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާރު އެ ދެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެންމެ ރަނގަޅު ގޮތުގައި ވަސީލަތްތަކުގެ ބޭނުން ނުހިފޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ގޮތުން ބޭރުގެ އެންމެ ރަނގަޅު ފެންވަރުގެ ކްލިނިކުތައް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިއްހީ މެނިފެސްޓޯގައި ޕްރިވެންޓިވް ހެލްތުކެއާ އާއި، ޕަބްލިކް ހެލްތަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާމަތް ކުރުމަށާއި، މީހުން ހޭލުންތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މެނިފެސްޓޯގައި މި ހުށަހަޅަނީ ވަރަށް ބޮޑު ޕަސެންޓެއް އަޅުގަނޑުމެން ސަރުކާރުގެ ހެލްތު ދާއިރާގެ ހަރަދު ކުރުމުގައި އިސްކަން ދޭނަމޭ، ބަލިތަކުން މީހުން ދުރުކުރުމަށް," މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އާންމުވަމުން އަންނަ ގައިންގަޔަށް ނާރާ ބަލިތައް މަދު ކުރުމަށްޓަކައި، އިޖުތިމާއީ ގިނަ މައްސަލަތަކުގެ ހައްލު ބޭނުންވާކަމަށާއި އެ ކަމަށް ވެސް މެނިފެސްޓޯގައި އަހަންމިއްޔަތުކަން ދެއްވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް