އެޑްވަޓޯރިއަލް: މުއިއްޒުގެ ވައުދުތައް ރައްޔިތުންނަށް ކަމުދަނީ ކީއްވެ؟

ޑރ. މުޙައްމަދު މުއިއްޒު ކެމްޕެއިނުގައި ތުއްތު ކުއްޖަކު އުރައިގެން-- ފޮޓޯ: މުއިއްޒު ކެމްޕެއިން ޓީމް

މި ރިޔާސީ އިންތިހާބު ނިމެން ގާތް ވަނީއެވެ. ރައްޔިތުން ނިންމައިގެން ތިބި ގޮތް ސާފުވާން ދެން މާ ގިނަ އިރުތަކެއް ނެތެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ގޮތް ނިންމުމުގައި ރައްޔިތުން ބަލާ އެންމެ މުހިންމު ކަމަކީ އެ ކެނޑިޑޭޓަކު ވެފައި ހުންނަ ވައުދު ތަކެވެ.

ތިމާގެ ރަށަށް ކޮއްދެއްވަން ވިދާޅުވީ ކޮންކަމެއްތޯއެވެ؟ ތިމާޔަށް އަސަރު ކުރާ ކަހަލަ ވައުދެއް ވިތޯއެވެ؟ ގައުމަށް އެންމެ ރަނގަޅު ވައުދުވެލެއްވީ ކޮން ކެނޑިޑޭޓެއް ތޯއެވެ؟

މި ކަންކަމަށް ބަލާއިރު ޑރ މުހައްމަދު މުއިއްޒު ވެލެއްވި ވައުދުތައް ރައްޔިތުންނަށް ކަމުދިޔަކަން ސާފު ވަނީ ފުރަތަމަ ބުރުގެ ނަތީޖާއިންނެވެ. ދެވަނަ ބުރުގައި ވެސް މުހިންމު ގިނަ ވައުދުތަކެއް ވެލައްވައިފިއެވެ. އަދި އޭގެން ގިނަ ވައުދު ރައްޔިތުނަށް ކަމުދިޔަކަން ރަށު ތެރެޔަށް ނުކުމެ ސައިހޮޓާތަކާއި ހޮޅުއަށި ތަކަށް ޖެހިލުމުން ސާފުވެއެވެ.

ޑރ މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ރައްޔިތުންނަށް ކަމުދާ ބައެއް ވައުދުތައް!

- އެއްވެސް ރައްޔިތެއްގެ ވަޒީފާ ނުގެއްލޭނެ.

މި ރިޔާސީ އިންތިހާބުގައި އެންމެ ގިނަބަޔަކަށް ކަމުދިޔަ އެއް ވައުދަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މުއިއްޒު ދެއްވި ޔަގީން ކަމެވެ. މިއީ މިވަގުތު ވެރިކަމުގައި ތިބި ބޭފުޅުން އެންމެ ބޮޑަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުނު އެއްކަމެވެ. ވަޒީފާ ގެއްލޭނެކަމަށް ބުނެދީ، އާއިލާ މަގުމަތި ކޮށްލާނެ ކަމަށް ބުނަމުން ދިޔައެވެ.

ނަމަވެސް ޑރ މުއިއްޒު ވަނީ މި ވައުދު އެތައް ތަނެއްގައި ތަކުރާރު ކުރައްވާއިފައެވެ. އެތައް ރައްޔިތުންގެ ހިތްތަކުގައި ބަޔަކު އުފެއްދި ނުތަވަސްކަން ނިމުމަކަށް ގެނެސް ދެއްވާ އެތައް ރަށެއްގެ ރައްޔިތުންނަށް އެ ޔަގީން ކަން ސީދާ އެމަނިކުފާނު ވަނީ ދެއްވާފައެވެ.

- އެއްވެސް ރަށެއްގެ ޕްރޮޖެކްޓްތައް ހުއްޓައެއް ނުލާނެ.

ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލައިލިނަމަވެސް ފެންނަނީ ވީރާނާކަމެވެ. ރަށްރަށަށް އަރުވާފައި ހުރި ސާމާނު ހަލާކެވެ ދާތަނެވެ. ދަމަކުން ބަޑިއެއް ޖަހާހެން ޕްރޮޖެކްޓެއް ނިމުނަސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވި ބޭނުން ނުކުރެވި ހުރިކަމެވެ.

ޕްރޮޖެކްޓެއް ހިންގި ނަމަވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބައްޓަން ކުރެވިފައި ނުހުންނަ ތަނެވެ. މާލޭގެ ފިނި ކޮޓަރިން ކަންކަން ނިންމާ ޒަމާން އެނބުރި އައިކަހަލައެވެ. ލޭންޑް ޔޫސް ޕްލޭން ނުނިމި ކައުންސިލްތައް އަތް ބަނދެވިފައި ވާތެނެވެ.

ޑރ މުއިއްޒު އަކީ ރާއްޖޭގެ އެންމެ ބޮޑެތި ޕްރޮޖެކްޓް ނިންމެވި ބޭފުޅާއެވެ. ރައީސް އަބްދުﷲ ޔާމީންގެ ބިޔަ ޕްރޮޖެކްޓްތަކުގެ މޭސްތިރިޔާއެވެ. އެ މަނިކުފާނު މިއަދު އެ ވައުދު ވަނީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލައްވާނެ ކަމަށެވެ. އިތުރަށް ފުރިހަމަ ކޮށް ބައްޓަން ކޮށްދެއްވާ ރައްޔިތުންގެ ވިންދާ އެއްގޮތަށް މާ ބާރަށް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

-އެއްވެސް ރައްޔިތަކަށް އަނިޔާ ވެރިނުވާނަން.

ޑރ މުއިއްޒު ވެލެއްވި އެންމެ ފާހަގަ ކޮށްލެވޭ އެއް ވައުދަކީ އަނިޔާވެރި ނުވާނެ ކަމުގެ ވައުދެވެ. ރައީސުން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެ ކަމުގެ ވައުދެވެ. ސިޔާސީ ކުށްވެރިން ނުތިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. އެތައް ރައްޔިތަކަށް ހަމަޖެހުން ގެނުވި މި ވައުދު އެމަނިކުފާނު ފުއްދަވާނެ ކަމާމެދު ރައްޔިތުން ޝައްކެއް ނުކުރެއެވެ. ކެމްޕެއިން އެ ނިންމަވާލައްވަނީ އެއްވެސް މީހަކަށް ބަދު ބަހެއް ވިދާޅުނުވެއެވެ. މީހަކަށް މަލާމާތެއް ކުރުމެއް ނެތިއެވެ. ރައްޔިތުންނަށް ރީތި މިސާލު ދައްކަވަމުންނެވެ.

- ހުރިހާ ރައްޔިތުން ގެދޮރު ވެރިކޮއްދެއްވާނެ ކަމުގެ ވައުދު.

މި އިންތިހާބާއި ދިމާކޮށް ފަޅު ފަޅާއި ގިރިތަކުން ގޯތި ކަނޑާ އަންނަނީ ދެމުންނެވެ. އެއީ ވެސް ދައުރުގެ އެންމެ ފަހު ދުވަސް ކޮޅެވެ. ޑރ މުއިއްޒު ވިދާޅު ވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ބިން ހިއްކާ ގޯތި ދެއްވަން ފައްޓަވާނެ ކަމަށެވެ. ގޯއްޗައް ބޭނުންނާ އެންމެންނަށް ގޯތި ދެއްވާނެ ކަމަށެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. އެ ގޯތި ހެދޭނެ މަގުވެސް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ. ބޯހިޔާވަހިކަމަކީ އިންސާނީ ހައްގެއް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވައެވެ.

ރައްޔިތުންނަށް މި ވައުދުތައް ކަމުދަނީ ސަބަބެއް ނެތިއެއް ނުނެވެ. ޑރ މުއިއްޒަކީ ތައުލީމީ ބޭފުޅެކެވެ. ޓްރެކް ރެކޯޑް ވަރަށް ރަނގަޅު ބޭފުޅެކެވެ. ހިކުމަތްތެރި ބޭފުޅެކެވެ. ވެފައި ހުރި ވައުދުތައް ރަނުން ރަނަށް ފުއްދޭވަރުގެ ބޭފުޅެކެވެ. ޑރ މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ނުފުއްދޭވަރުގެ ވައުދެއް ވެފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް