މުލަކު ޕްރީސްކޫލްގެ ބެލެނިވެރިންނަށް ޚިޔާނާތްވި މައްސަލައެއް ފުލުހަށް

މ. މުލަކު އަހްލީ ޕްރީސްކޫލް---

މ. މުލަކު އަހްލީ ޕްރީސްކޫލްގެ ނާސަރީ ދަރިވަރުންގެ ގްރެޖުއޭޝަނަށް އެއްކުރި 15،000 އަށް ވުރެ ގިނަ ރުފިޔާ އެ ކުލާހުގެ ބެލެނިވެރިއަކު ބޭނުންކުރި ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ ފައިސާ ބޭނުން ކުރި ކަމަށް ތުހުމަތު ކުރަނީ، ކްލާސް މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ ބެލެނިވެރިއަކަށެވެ.

ކަން ހިނގައި ދިޔަ ގޮތް އެ ކްލާހުގެ ބެލެނިވެރިން ވަނީ 'ސަން' އާ ހިއްސާކޮށްފައެވެ. ބެލެނިވެރިން ކިޔައިދިން ގޮތުގައި އެ ފައިސާއަކީ، ނާސަރީގެ ދަރިވަރުންގެ ގްރެޖުއޭޝަން ބޭއްވުމަށްޓަކައި ކޮންމެ ބެލެނިވެރިއެއްގެ އަތުން ކޮންމެ މަހަކު ވެސް ވަކި ވަރެއް ނަގައިގެން އެއްކުރި ފައިސާއެވެ. ވިހި ދަރިވަރުން ތިބޭ އެ ކްލާހުން 19 ދަރިވަރަކު މިހާތަނަށް ރުފިޔާ ދައްކާފައި ވާއިރު އެއީ ޖުމްލަ 15،735 ރުފިޔާ ކަމަށް އެ ބެލެނިވެރިން ބުންޏެވެ.

"ކޮންމެ މަހަކު 50 ރުފިޔާގެ ރޭޓުން ކޮންމެ މީހަކު ދައްކަންޖެހޭ ޖުމްލަ އަދަދަކީ 600. އޭގެ ތެރެއިން 18 ކުއްޖަކު މިއިންނަނީ 12 މަހަށް އެއްކޮށް ރުފިޔާ ދައްކާފަ. އެއް ދަރިވަރަކު 250ރ ދައްކާފަ އެބަވޭ. ކާބޯތަކެތީގެ މައުރަޒެއް ކައުންސިލުން ބޭއްވުމުން ކްލާސް ހުރިހާ ބެލެނިވެރިން އޭގައި ބައިވެރިވެ ފުޑްފެއާ ބަދަހި ބާޒާރުން ލިބުނު 3،685ރ. ވެސް އޭގެ ތެރޭގައި ހިމެނޭ. އަދި ސްޕޮންސާގެ ގޮތުގައި 500ރ. ހިމެނޭނެ،" އެ ފައިސާގެ ތަފްސީލް ކިޔައިދެމުން ބެލެނިވެރިއަކު ބުންޏެވެ.

އެ ކްލާހުގެ ގްރެޖުއޭޝަން ބޭއްވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވީ ވަރަށް ކުލަގަދަކޮށް ގްރެޖުއޭޝަން ފާހަގަކުރުމަށެވެ. ނަމަވެސް ބޭނުންވި ގޮތަށް އެކަން ފާހަގަނުކުރެވުނު ކަމަށާއި އޭރުވެސް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ޝައްކު ކުރެވުނު ކަމަށް ބެލެނިވެރިން ބުންޏެވެ.

މިއަދާ ހަމައަށް ހަތަރު މަސްވެގެން ދިޔައިރު ވެސް ގްރެޖުއޭޝަނަށް ޚަރަދުކުރި ގޮތުގެ ތަފްސީލާއި ބިލްތައް އެހެން އެއްވެސް ބެލެނިވެރިއަކަށް ލިބިފައި ނުވާ ކަމަށް އެ ބެލެނިވެރިން ބުންޏެވެ. އަދި ބައެއް ބިލްތަކަށް ފައިސާ ނުލިބޭކަމުގެ ޝަކުވާތައް ބެލެނިވެރިންނަށް މިހާރު ވެސް ލިބެމުންދާ ކަމަށް ބުންޏެވެ.

"އެކި ފަހަރުމަތިން އެ ފައިސާއަށް އެދުމުން ވެސް މިއަދާ ހަމައަށް ވެސް ދޭނަމޭ ދޭނަމޭ ކިޔައިގެން އުޅުނީ. ރުފިޔާ ހޯދުމަށް އެ ގޭދޮށަށް ވެސް ވަރަށް ދެވިއްޖެ. އެހެންނަމަވެސް އެކަމާ ގުޅޭ އެއްވެސް ޖަވާބެއް އޭނާގެ ފަރާތަކުން ނުލިބޭ،"

"އަބަދުވެސް ބުނަނީ މިއަދު ނޫނީ މާދަމާ ދޭނެ ކަމަށް ނުވަތަ އަންނަ މަހު ދޭނެ ކަމަށް. ދެން ދައްކާ ބަހަނާއަކީ އެކައުންޓު މައްސަލައެއް ދިމާވެގެން ކަމަށާ ކާޑުން ރުފިޔާ ނުނެގޭ ވާހަކަ ޓްރާންސްފާއެއް ނުކުރެވޭ ވާހަކަ،" ބެލެނިވެރިން ކިޔައިދިނެވެ.

އެ މައްސަލަ މިހާރު ބެލެނިވެރިންގެ ފަރާތުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ރެޖިސްޓްރީކޮށް މައްސަލަ ތަހުގީގުކުރަމުންނެވެ.

މުލަކު ޕްރީސްކޫލާ ހަވާލުވެ އެ ސްކޫލް ހިންގަނީ އެ ރަށު ކައުންސިލް އިދާރާއިންނެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ މެންބަރު އާމިނަތު އަލީ 'ސަން' އަށް ވިދާޅުވީ އެ ޕްރީސްކޫލަކީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލެއް ނަމަވެސް އެ ފައިސާގެ މައްސަލައަކީ ކައުންސިލާ އެއްވެސް ގުޅުމެއްވާ ކަމެއް ނޫން ކަމަށެވެ. އެއީ އެ ކުލާހުގެ ބެލެނިވެރިން އަމިއްލައަށް ކުރަން ނިންމި ކަމެއް ކަމަށާއި އެކަމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގްރެޖުއޭޝަން ބޭއްވުމުގެ އެންމެހާ ކަންކަން ކޮށްފައި ވަނީ ބެލެނިވެރިން އިސްނަގައިގެން. ނަމަވެސް ކައުންސިލަށް ވެސް އޮތީ އެ މައްސަލަ އެނގިފައި،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް