މެންބަރު ސިރާޖު ޕީޕީއެމަށް ސޮއިކޮށްފި

ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިރޭ ޕީޕީއެމަށް ސޮއި ކުރެއްވުން -- ފޮޓޯ/ އެލީޒް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިރޭ ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ މިރޭ ލ. ގަމުގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައެވެ.

އޭނާގެ އިތުރުން އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ގިނަ ބަޔަކު ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއިިކޮށްފައެވެ. އޭގެ ތެރޭގައި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވެސް ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ފޮނަދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަަޑައިގެންނެވި ސިރާޖު ރިޔާސީ އިންތިޚާބުގައި މުއިއްޒަށް ތާއީދު ކުރަން ނިންމެވީ މިދިޔަ އޯގަސްޓު މަހު 21ގައެވެ.

"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓު، ކުރި ހޯދި ކަމުގައިވިޔަސް މި އިންތިޚާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖު އެ ދުވަހު މުއިއްޒަށް ތާއީދުކުރައްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ކުރިން ފެތުރުނެވެ. އެކަމަކު، އެ ފަހަރުގެ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ސިޔާސީ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ހަމައިންނެވެ.

އެ ފަހަރުގެ އިންތިޚާބުގައި ސިރާޖު ވާދަކުރެއްވީ ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަދި މިހާރު ޕީއެންސީގެ ރައީސްކަން ކުރައްވާ އަބްދުރަހީމް (އަދުރޭ)އާ އެވެ. މިދިޔަ މަޖިލިސް އިންތިޚާބު ސިރާޖު ކާމިޔާބު ކުރެއްވީ ކުޑަ ތަފާތަކުންނެވެ. މިރޭ ސިރާޖު ވަނީ ޕީޕީއެމަށް ސޮއި ކުރައްވާ، އަދުރޭއާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.

comment ކޮމެންޓް