ފްރާންސްގެ ރައީސް އަމާންދެއްވައި، ނައިޖަރުން ސިފައިންނާއި ސަފީރު ބާލަން ނިންމަވައިފި

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން

ޕެރިސް (25 ސެޕްޓެމްބަރު 2023): އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުގެ އިންގިލާބީ ވެރިންނާއި އެގައުމުގެ ރައްޔިތުން ގުޅިގެން ފަރަންސޭސި ސަފީރަށާއި އެގައުމުގައި ތިބޭ ފަރަންސޭސި ސިފައިންނަށް ޖެއްސުންކޮށް ދަތިކުރުމަށް ހިންގި ހަރަކާތްތަކަށް ދީލާލަން މަޖުބޫރުވެ އެގައުމުން ފަރަންސޭސި ސަފީރާއި ސިފައިން ބޭލުމަށް ފަރަންސޭސި ރައީސް އެންމެ ފަހުން ނިންމަވައިފިއެވެ.

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވިދާޅުވީ ނައިޖަރުގައި ހުންނަވާ ފަރަންސޭސި ސަފީރަށާއި އެގައުމުގައި ތިބޭ ފަރަންސޭސި ސިފައިން ބޭލުމަށް އޭނާ ނިންމަވާފައިވާކަމަށާއި މިއަދުގެ ވަގުތެއްގައި ފަރަންސޭސި ސަފީރު އެނބުރި ގައުމަށް ގެންނަވާނެކަމުގައެވެ. އަދި ފަރަންސޭސި ސިފައިންވެސް ހަފުތާތަކެއް ނޫނީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުން ބާލާނެކަމުގައެވެ.

ފަރަންސޭސިވިލާތާއި ނައިޖަރު އާ ދެމެދު މައްސަލަޖެހުނީ ނައިޖަރުގައި އޮތް ފަރަންސޭސިވިލާތަށް ތާއީދުކުރާ ރައީސް މުހައްމަދު ބާޒޫމްގެ ސަރުކާރު މިދިޔަ ޖުލައިމަހު އަސްކަރީ ބަޣާވާތެއްގައި ވައްޓާލުމާ ގުޅިގެންނެވެ. ބާޒޫމްގެ ވެރިކަން ވައްޓާލުމަށްފަހު ނައިޖަރުގެ ރިޔާސަތާ ހަވާލުވި އަސްކަރީ ވެރިންވަނީ ޒަމާނުއްސުރެ ނައިޖަރުގައި އޮންނަ ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒުން މިނިވަންވުމުގެ މަސައްކަތް ފައްޓަވާފައެވެ. މިއާއެކު އެގައުމާއި ފަރަންސޭސިވިލާތް ޖެހި ދެގައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ.

ފަރަންސޭސިވިލާތުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް ބޭނުންވާ ޔޫރޭނިޔަމް ގެންދަނީ ނައިޖަރުންނެވެ. މިތަކެތި ޒަމާނުއްސުރެ ނައިޖަރުން ގަންނަނީ ދުނިޔޭގެ ބާޒާރުގައި އެމާއްދާގެ އަގު ހުންނަވަރަށްވުރެ އެތައް ގުނައެއް ހެޔޮކޮށެވެ. މީގެ އިތުރުން ވެސް ނައިޖަރުގެ ގުދުރަތީ މުއްސަނދިކަން ފޭރިގަތުމުގެ އިސްތިއުމާރީ ބާރާއި ނުފޫޒު ހިންގުމުގެ ސިޔާސަތެއް ނައިޖަރާއި ހުޅަނގު އެފްރިކާގެ އެހެން ގައުމުތައް ކަމަށްވާ މާލީ، ބުރުކީނާފާސޯ އަދި ގިނީ ބިސާއޮފަދަ ގައުމުތަކުގައި ފަރަންސޭސީން ގެންގުޅޭތީ އެގައުމުތަކުގައިވަނީ ފަރަންސޭސިވިލާތާ އިދިކޮޅު ވަރަށް ވަރުގަދަ ރޫހެއް އުފެދިފައެވެ.

ނައިޖަރުގެ އަސްކަރީ ވެރިން އެގައުމުގެ ރައްޔިތުންނާއެކު ފަރަންސޭސިވިލާތާ ދެކޮޅަށް ހަރަކާތްތެރިވެވަޑައިގަންނަވަނީ

މިރޫހާއެކު ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމުތަކަށް އަސްކަރީ އިންގިލާބުތައް ގެނަސް ފަރަންސޭސިވިލާތަށް ތާއީދުކުރާ ސަރުކާރުތައްވަނީ ވައްޓާލާފައެވެ. އަދި އެގައުމުތަކުގައި ޒަމާނުއްސުރެ ތިބި ފަރަންސޭސި ސިފައިންވެސް މަޖްބޫރުވެގެން ފަރަންސޭސި ސަރުކާރުންވަނީ ބާލާފައެވެ.

ނައިޖަރުގެ ސިފައިން މިދިޔަ ޖުލައިމަހު އަސްކަރީ ބަޣާވާތެއް ގެނަސް ފަރަންސޭސިވިލާތަށް ތާއީދުކުރާ އެގައުމުގެ ރައީސް މުހައްމަދު ބާޒޫމްގެ ސަރުކާރު ވައްޓާލީ ބާޒޫމްގެ ސަރުކާރަކީ ފަރަންސޭސިވިލާތަށް ވަރަށް ބޮޑެތި ދޫތަކެއް ދީގެންއުޅުނު ސަރުކާރެއްކަމަށްވާތީއެވެ.

ނައިޖަރުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން ބާޒޫމް މަގާމުން ދުރުކުރި މައިގަނޑު ސަބަބަކީވެސް ޒަމާނުއްސުރެ ނައިޖަރުގައި އޮންނަ ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު ބާޒޫމްގެ ވެރިކަމުގައި އިތުރަށް ވަރުގަދަވެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހިސާބަށް ކަންތައް ދިޔުމުންކަމަށް އިންގިލާބީ ޖެނެރަލުން ވިދާޅުވެފައިވެއެވެ.

ބާޒޫމްގެ ސަރުކާރު ވައްޓާލައި ނައިޖަރުގެ އަސްކަރީ ވެރިން އުފެއްދި އިންގިލާބީ ސަރުކާރާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މަގާމުން ދުރުކޮށްފައިވާ ރައީސް ބާޒޫމް އަލުން އަނބުރައި ގެންނާނެކަމުގެ އިންޒާރުތައް ފަރަންސޭސިވިލާތާއި އެފްރިކާގެ ހުޅަނގުގެ 15 ގައުމެއް ހިމެނޭ "އީކުއާސް" ޖަމާއަތުން ދިން ނަމަވެސް އެކަންކުރަން އެފަރާތްތަކަށް ކެރިފައެއް ނުވެއެވެ.

މިކަން ކުރަން ނުކެރުނު ސަބަބުތަކުގެ ތެރޭގައި ނައިޖަރުގެ އިންގިލާބީ ވެރިންގެ ފަހަތުގައި އެގައުމުގެ ރައްޔިތުން ތިބުމާއި ފަރަންސޭސި ނުފޫޒުން ކުރިން މިނިވަންވެފައިވާ ދެގައުމު ކަމަށްވާ މާލީ އަދި ބުރުކީނާފާސޯއިން ނައިޖަރުގެ އަސްކަރީ ވެރިންނަށް އަސްކަރީގޮތުން އެހީތެރިވާނެކަމުގެ އިންޒާރު ދިނުންފަދަ ކަންކަން ހިމެނެއެވެ.

ނައިޖަރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފަރަންސޭސިވިލާތް ވަންނަމުންދާތީ މިދިޔަ އޮގަސްޓް މަހު ނައިޖަރުގެ އަސްކަރީ ސަރުކާރުންވަނީ އެގައުމުގައި ހުންނަވާ ފަރަންސޭސި ސަފީރު ސިލްވައިން އިޓޭއަށް 48 ގަޑީއިރު ތެރޭގައި އެގައުމުން ފޭބުމަށް އަންގާފައެވެ.

ނަމަވެސް ނައިޖަރުގެ އަސްކަރީ ސަރުކާރަށް ގޮންޖަހައި ނައިޖަރުން ފޭބުމަށް ސަފީރު ދެކޮޅު ހެއްދެވުމުން ނައިޖަރުގެ އަސްކަރީ ސަރުކާރުންވަނީ ފަރަންސޭސި އެންބަސީންނާއި ސަފީރު ހުންނަވާ ގެކޮޅުން ކަރަންޓާއި ފެނާއި މުވާސަލާތީ ވަސީލަތްތައް ކަނޑާލާފައެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭސްފަދަ ޒަރޫރީ ސާމާނު ވަކިގަޑިތަކެއްގައި އެތަންތަނަށް ވެއްދުމުގެ ފުރުސަތު ދެމުން ގެންގޮސްފައިވެއެވެ.

މިއާއެކު ނައިޖަރުގެ އަސްކަރީ ސަރުކާރުންވަނީ ކުރީގެ ރައީސް ބާޒޫމުގެ ސަރުކާރުން ފަރަންސޭސިވިލާތާއެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް އުވާލައި ނައިޖަރުން ސިފައިން ބޭލުމަށް ފަރަންސޭސި ސަރުކާރަށް އަންގާފައެވެ. ފަރަންސޭސި ރައީސް މެކްރޯން އިއްޔެ އާ ހަމައަށް ގެންދެވީ އެކަމަށް ގޮންޖައްސަވައި ސަފީރު ވެސް އަދި ސިފައިން ވެސް ނައިޖަރުން ނުބާލާނެކަމަށް ވިދާޅުވެ ބޮޑާ ބަސްތައް ވިދާޅުވަމުންނެވެ.

ނަމަވެސް ފަރަންސޭސި އެންބަސީއާއި ސަފީރު ހުންނަވާ ގެކޮޅުންނާއި ފަރަންސޭސި ސިފައިން ތިބޭ ކޭންޕްތަކުން ކަރަންޓާއި ފެންކަނޑާލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ނައިޖަރުގައި ނުތިބެވޭ ވަރުގެ ބޮޑެތި ދަތިތަކަކާ ފަރަންސޭސި ސިފައިންނާއި ސަފީރުވަނީ ކުރިމަތިލާންޖެހިފައެވެ.

އެންމެފަހުން ރޭގެ ވަގުތެއްގައި ފަރަންސޭސި ރައީސް މެކްރޯންވަނީ މިދަތިތައް ދާއިމީ ގޮތެއްގައި ތަހައްމަލު ނުކުރެވޭނެކަމަށް ވިދާޅުވެ ނައިޖަރުގެ އަސްކަރީ ސަރުކާރުގެ އެދުންތަކަށް ދީލާލައި ފަރަންސޭސި ސަފީރާއި އެގައުމުގެ ސިފައިން ނައިޖަރުން ބާލަން ނިންމެވިކަން އިއުލާނު ކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު