ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި ހަވާލުކުރުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި އެ ކަން ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލެއިން ގޯތި ލިބުނު ބައެއް މީހުން އަންނަނީ އަދިވެސް ގޯތިި ހަވާލުކުރުން ލަސްވާތީވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ލިޔުން ހަވާލުކުރާއިރު މިނިސްޓްރީން ބުނަނީ ޕްލޮޓް ސާފުކުރުމަށްފަހު މިނިސްޓްރީން ބިންވެރިޔާއަށް ގުޅާނެ ކަމަށެެވެ.
ނަމަވެސް ބައެއް މީހުން ބުނި ގޮތުގައި މިހާރު އެ ފަދައިން މިނިސްޓްރީން އެންގިތާ ވެސް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވަނީ ވެފައެެވެ. އަދިވެސް މިނިސްޓްރީން ނުގުޅާކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ގާތު ވެސް އެ ތަނުގައި ތިބި އޮފިޝަލުން ބުނީ ޕްލޮޓް ސާފުކޮށްލުމަށްފަހު ގުޅާނެކަމަށް. އަދި ނުވޭ ޚަބަރެއް. މިހާރު ވަރަށް ދުވަސްވެއްޖެ،" "ސަން"އާ ވާހަަކަދެއްކި ބިންވެރިއަކު ބުންޏެވެ.

ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ސަން ފޮޓޯ
މި ކަންބޮޑުވުންތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދާ ކަމަށެވެ.
އެ ކަން އަދިވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށާއި ލަސްވަނީ ބައެއް ޕްލޮޓްތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ބައެއް ޕްލޮޓްތައް މީގެ ކުރިން ސައިޓުތަކުގެ ގޮތުގައި ބޭނުންކޮށްފައި ހުރުމުން، އެ ތަންތަނުން ނަގަންޖެހޭ ކުނީގެ ބާވަތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ޕްލޮޓްތަކުން އަަޅުގަނޑުމެންނަށް އެބަޖެހޭ ކުރިން ހުރި ފާރުތައް ވެސް ތަޅައިލަން. އެ ތަނުން ކޮންކްރީޓް ވެސް ނަގަން. އެ ކަހަލަ ކަންކަމާހެދި ބައެއް ލަސްތައް އާދޭ. އެ ކަމަކު މަސައްކަތް އަދިވެސް އެބަ ހިނގާ،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތި ލިބޭނެކަމަށް ބުނެ ލިޔުން ލިބުނު އެއްވެސް މީހަކަށް ގޯތި ނުލިބި ނުދާނެ ކަމަށެވެ. ލިޔުމާއެކު ގޯތި ކަށަވަރުވީކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މި ވަގުތު ބިން ދޫކުރަމުން އަންނަނީ ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށެވެ. މި ސްކީމުގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.
އެ އަދަދު ހަމަކުރުމަށް ޓަކައި ހުޅުމާލެ ފަޅުން ގޯތި ދިނުމަށް، ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެ ސަރަހައްދުން 700 ގޯތި ދޫކުރާނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.
ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.