ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ލަސްވެގެން މާދަމާ ނެރެނީ

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ

ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އެންމެ ލަސްވެގެން މާދަމާ ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ލިސްޓު ނެރޭނެކަމަށެވެ. ނަމަވެސް މި ހަފުތާ ފެށުނު އިރު ވެސް ނުނެރެވެއެވެ.

އެ ކަމާ ގުޅިގެން މިއަދު އޭނާ "ސަން"އަށް ވިދާޅުވީ ފްލެޓް ލިސްޓު އިއުލާން ކުރުމަށް ޓަކައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

މިއަދު ނުވަތަ އެންމެ ލަސްވެގެން މާދަމާ ފްލެޓްވެރިންގެ ދާއިމީ ލިސްޓު އާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލަމާ ހަމަ ޔަގީނުން ވެސް މާދަމާ މި ލިސްޓުތައް އަޅުގަނޑުމެން އާންމުކުރާނަން،" އޭނާ ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ މަހުގެ އަށެއްގައެވެ.

އެ ލިސްޓުގައި 20،697 މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓެއްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މިދިޔަ މަހުގެ ދެވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރި ފަހުން ވެސް ހައުސިން މިނިސްޓްރީން ވަނީ އިތުރު 3،500 ފްލެޓް އަޅަން ހަވާލުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް