ސޮންގެ ދެ ގޯލާއެކު ޓޮޓެންހަމުން އާސެނަލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ގޯލު ޖެހުމަށްފަހު، ޓޮޓެންހަމްގެ ސޮން(މ) އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއިން އާސެނަލް ހިފަހައްޓައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި ލީގު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ 26 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ލިބިގެންދިޔައީ ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭނާ އަތުން ބައިކޮޅަށް އެ ގޯލު ވަދެފައިވަނީ އާސެނަލްގެ އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާ ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފައިގައި ޖެހިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޓޮޓެންހަމުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖޭމްސް މެޑިސަން ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެކުނު ކޮރެއާ ފޯވަޑް ސޮން ހިއުން މިންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، އާސެނަލްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލުން ވަނީ އަލުން ލީޑު ހޯދައިފައެވެ. ލިބުނު ޕެނަލްޓީއަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސަކާއެވެ. އާސެނަލަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ބެން ވައިޓް ފޮނުވާލި ބޯޅައެއް، ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޓެންހަމްގެ ޑިފެންޑަރު ރޮމޭރޯ އަތުގައި ޖެހުމުންނެވެ.

އާސެނަލުން ލީޑު ހޯދިތާ މިނެޓެއް ފަހުން ޓޮޓެންހަމުން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޑިސަން ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ސޮންއެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅަ، ސޮން ވަނީ ހަމަޖެހިލާފައި ޕެނަލްޓީ އޭރިއާ ތެރެއިން އާސެނަލްގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިފައެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި 3-1ގެ ނަތީޖާއަކުން ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށްފައެވެ. އެ މެޗުގައި ލިވަޕޫލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހާއި ޑާވިން ނުނޭޒް އަދި ޑިއޯގޯ ޖޮޓާއެވެ. އަދި ވެސްޓް ހާމްގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރޮޑް ބޮވެންއެވެ.

ބޮޑު ހަރަދެއް ކޮށްގެން މިސީޒަނާ ކުރިމަތިލީ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ރޭ އެސްޓަން ވިލާ އަތުން 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގެ 58 ވަނަ މިނެޓުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޗެލްސީގެ މަލޯ ގުސްޓޯއަށް ރަތް ކާޑެއް ދެއްކި އިރު، މެޗުގެ 78 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް އޮލީ ވެޓްކިންސްއެވެ.

ނިއުކާސަލް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެޓީމު ވަނީ ޝެފީލްޑް ޔުނައިޓެޑް އަތުން 8-0ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ. އެ މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝޯން ލޯންގްސްޓާފް، ޑޭން ބާން، ސްވެން ބޮޓްމަން، ކެލަމް ވިލްސަން، އެންތޮނީ ގޯޑަން، މިގެލް އަލްމިރޮން، ބްރޫނޯ ގިމަރޭޒް އަދި އެލެކްސެންޑާ އިސާކްއެވެ.

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާ އިރު, ކުޅުނު ހަ މެޗުން މޮޅުވެގެން ހޯދި 18 ޕޮއިންޓާއެކު އެއްވަނައިގައި އަދިވެސް އޮތީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ދެވަނައަށް ޖެހިލި ލިވަޕޫލަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު, ތިންވަނައިގައި އޮތީ 15 ޕޮއިންޓާއެކު ބްރައިޓަންއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އަދި ފަސްވަނައިގައި އޮތް އާސެނަލަށް، އެއިން ކޮންމެ ޓީމަކަށް ވެސް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

comment ކޮމެންޓް