ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ، ރެއާލް މެޑްރިޑަށް ތާވަލުގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ އަތުން ރެއާލް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެއާލްގެ ކޯޗު އެންޗެލޮޓީގެ ޓެކްޓިކްސް ވަނީ ގޯސްވެގެން ގޮސްފައެވެ. ފުރަތަމަ 11 ގައި ރެއާލުން ފަސް މިޑްފީލްޑަރުން ބޭނުން ކުރި އިރު، އޭގެ ތެރެއިން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބޭނުންކޮށްފައިވަނީ ރޮޑްރީގޯއާއެކު ފޯވާޑެއްގެ ގޮތުގައެވެ.
އެ މެޗު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި އެތުލެޓިކޯއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސެމުއެލް ލިނޯ ނަގައިދިން ރީތި ހުރަހަކުން އެތުލެޓިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް އަރައި، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުން ހަމައަަކަށް ނޭޅި އުޅެނިކޮށް، އެތުލެޓިކޯ އިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސައުލް ނަގައިދިން ހުރަހަކުން އެތުލެޓިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ. އޭނާ ވެސް އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ރެއާލުން ވަނީ ގޯލެއް ޖަހައި، އެތުލެޓިކޯ އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫޒްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ، އޭނާ ވަނީ ރީތިކޮށް އެތުލެޓިކޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ އެތުލެޓިކޯ އިން ވަނީ ގޯލެއް ޖަހައި، އަލުން ފަރަގު ބޮޑުކޮށްފައެވެ. ސައުލް ނަގައިދިން ހުރަހަކުން އެތުލެޓިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން މޮރާޓާއެވެ. ފުރަތަމަ ގޯލެކޭ އެއްގޮތަށް އޭނާ އެ ގޯލު ވެސް ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އެ ގޯލަށްފަހު ރެއާލުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވައިލެވިފައެއް ނުވެއެވެ. އެންމެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައީ ރެއާލްގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ފަރާތުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އެތުލެޓިކޯ ގޯލުުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އެ މެޗަށް ނުކުތް އިރު، ރެއާލަށް ދެ ޕޮއިންޓުގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނަ ލިބެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމާ ގުޅިގެން ރެއާލް މިވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަދި ދެވަނައިގައި އޮތް ގިރޯނާއަށް، އެއިން ކޮންމެ ޓީމަކަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި އެތުލެޓިކޯ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.