ޖެނުއަރީގައި ޓޯނޭ، ޗެލްސީއާ ގުޅެނީ!

ބްރެންޓްފޯޑްގެ އިނގިރޭސި ފޯވަޑް އިވާން ޓޯނޭ -- ފޮޓޯ/ ގެޓީ

ޖެނުއަރީ ޓްރާންސްފާގައި ބްރެންޓްފޯޑްގެ އިނގިރޭސި ފޯވަޑް އިވާން ޓޯނޭ، ޗެލްސީއާ ގުޅުން ގާތް ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެހެން ކްލަބުތަކަކުން ވެސް ޓޯނޭ ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އޭނާ ބޭނުންވަނީ ޗެލްސީއާ ގުޅުމަށެވެ. ބްރެންޓްފޯޑުން ޓޯނޭއަށް 60 މިލިއަން ޕައުންޑުގެ އަގެއް ބޭނުންވާ އިރު، ޖެނުއަރީގައި ޗެލްސީން އެ އަގު ދައްކަން ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސީޒަނުގައި ޗެލްސީން ނިކޮލަސް ޖެކްސަންގެ ސޮއި ހޯދި ނަމަވެސް، އެ ކްލަބުން އަދިވެސް އަންނަނީ އެޓޭކް ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެކަން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ ފާހަގަކޮށްފައެވެ.

ޗެލްސީން ހޯދުމަށް މަސައްކަތްކުރާ ޓޯނޭ މިވަގުތު ހުރީ ބެޓިން ގަވާއިދުތަކާ ހިލާފުވުމުން އަށް މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. އޭނާގެ އެ ސަސްޕެންޝަން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގައެވެ.

އިނގިރޭސި އެފްއޭ އިން ހަދާފައިވާ ބެޓިންގެ ގަވައިދުތަކާ ހިލާފުވެގެން، ޓޯނޭގެ 232 މައްސަލައެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަމާލުކަމަށް އައިސްފައިވާ އިރު، ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 30 މައްސަލައެއް އެފްއޭގެ ސަމާލުކަމަށް އައިސްފައިވެއެވެ. ޓޯނޭއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައިވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައިވަނިކޮށެވެ.

comment ކޮމެންޓް