އުތުރު ތިލަފަޅުން ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓެއް ސަރުކާރުން އާންމުކޮށްފި

ގިރާވަރު އުތުރު ފަޅު (އުތުރު ތިލަފަޅުން) ގެދޮރުވެރިކަމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު --

މާލޭ ރައްޔިތުންނަށާއި، ދަފްތަރުގައި ޖެހި، ގިނަ ދުވަސްވެފައިތިބި މީހުންނަށް ގޯތި ދިނުމަށް ހުޅުވާލާ "ބިންވެރިޔާ" ސްކީމުގެ ދަށުން އުތުރުތިލަފަޅުން ގޯތި ދޫކުރަން ނިންމާފައިވާ ސަރަހައްދުގެ ޗާޓެއް ސަރުކާރުން މިއަދު އާންމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ އައު ސްކީމްގެ ދަށުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ އެއް ފަޅަކީ އުތުރު ތިލަފަޅު ކަމަށެވެ. އެ ފަޅުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ.

މީގެ ކުރިން އެ މިނިސްޓްރީން ބުނެފައި ވަނީ 6،000 ފްލެޓް މާލެ ސަރަޙައްދުން ދޫކުރާ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު އެ އަދަދު އިތުރުކޮށް 8،000 ފްލެޓް ދޫކުރުމަށް ވަނީ ނިންމައިފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ ގިރާވަރު އުތުރު ފަޅު (އުތުރު ތިލަފަޅުން) ގޯތި ދިނުމަށް ޓަކައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓެއް އާންމު ކުރައްވާފައެވެ.

މި ޗާޓުން ފެންނަ ގޮތުގައި އުތުރު ތިލަފަޅުގައި އަލަށް ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރު އޮންނަނީ ގޯތި ދޫކުރާ ސަރަހައްދަށް ވުރެ ދުރުގައެވެ. އަދި ޗާޓުގައިވާ ގޮތުން އެ ފަޅުން 215 ހެކްޓަރުންގެ ބިން ހިއްކާނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ އަށެއްގައި އިއުލާންކޮށްފައެވެ.

އެ ލިސްޓުގައި 20،697 މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.

comment ކޮމެންޓް