ރިޔާސީ އިންތިޚާބާ ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅަން ފަށަނީ

މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ --

ރިޔާސީ އިންތިޚާބާ ގުޅުވައިގެން ބައެއް މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަ ކުރެވިފައި ވާތީ އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.

އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ދޮގު ޚަބަރު ފެތުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް މައްސަލަތައް ވޭތުވެދިޔަ ދެތިން ހަފްތާ ތެރޭގައި ވެސް ހުށަހެޅި، ޝަކުވާ ކޮމެޓީން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

"އެގޮތުން މައްސަލަތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ދިރާސާ ކުރުމަށް ޓަކައި ބައެއް ދާއިރާ ތަކާއި މީޑިއާ ތަކާ ގުޅޭ އެހެނިހެން ޖަމުއިއްޔާ ތަކާ ގުޅިގެން މިދިޔަ ހަފްތާގައި ވަނީ ބައްދަލުވުމެއް ބާއްވާފައި. ވަރަށް އަވަހަށް ސައްހަ ނޫން ޚަބަރު ފަތުރާ ފަރާތްތަކާ ދޭތެރޭ ކޮމެޓީން ފިޔަވަޅު އަޅާނެ،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިބައްދަލުވުމުގައި މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އަދި ނޫސްތަކުގައްޔާއި ޓީވީ ތަކުން އާންމުން ހޭލުންތެރި ކުރެވޭނެ ގޮތްތަކެއް ހެދުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދުގެ މަތިން އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން ކައުންސިލުން އަމިއްލައަށް އިސް ނަގައިގެން ބައެއް މައްސަލަތައް ވޭތުވެދިޔަ ދުވަސްތަކުގައި ބަލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކަށް ހަވާބުދާރީ ވުމަށް ވެސް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމާއި ބައެއް މީޑިއާ ތަކުން އަޚުލާގީ މިންގަނޑަށް ތަބާ ނުވުމާ ގުޅޭގޮތުން ކައުންސިލަށް ހުށަހެޅިފައިވާ އަށް މައްސަލައަކާއި އަމިއްލައަށް އިސް ނަގައިގެން ދެ މައްސަލައެއް ވޭތުވެދިޔަ ދެ މަސް ތެރޭގައި ބަލައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީޑިއާތަކުން ގެނެސްދޭ ޚަބަރާއި ރިޕޯޓްތަކުގައި މީޑިއާތަކުގެ އަޚުލާގީ މިންގަނޑަށް އަމަލުކޮށްފައި ވޭތީ ބެލުމާއި ރައްޔިތުންނަށް ހަގީގަތް ނޯޅޭ ގޮތަށް ތެދު ޚަބަރު ގެނެސްދިނުމަށާއި ދެ ފަރާތް ހަމަހަމަވާ ގޮތަށް ޚަބަރު ގެނެސްދިނުމަށް މިޑިއާތަކުން ކުރަމުންދާ މަސައްކަތައް ބަލާނެ ގޮތްތަކެއް ކަނޑައެޅުމަށް ޓަކައި ނިންމުންތަކެއް ވެސް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް