ބޮޑެތި ޓެކް ކުންފުނިތަކުން ތައިލެންޑްގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ތައިލެންޑުގެ ބޮޑުވަޒީރު ސްރެއްތާ ތަވިސިން --

ޓެސްލާ، ގޫގުލް އަދި މައިކްރޮސޮފްޓު ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ތައިލެންޑުގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ސްރެއްތާ ތަވިސިން ވިދާޅުވެއްޖެއެވެ.

ސްރެއްތާ ވިދާޅުވީ ތައިލެންޑުގައި އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ފެސިލިޓީއެއް ގާއިމް ކުރުމަށް ޓެސްލާއިން ބަލަމުންދާއިރު، މައިކްރޮސޮފްޓާއި ގޫގުލްއިން ބަލަނީ ޑޭޓާ ސެންޓަރުތަކެއް އެގައުމުގައި ގާއިމް ކުރުމަށް ކަމަށެވެ.

ނަމަވެސް ފަސް ބިލިއަން ޑޮލަރަކީ އެ ކުންފުނިތަކުގެ ޖުމްލަ އިންވެސްޓްމެންޓްގެ އަގުކަން ނުވަތަ ވަކި ކުންފުނިތަކުގެ އިންވެސްޓްމެންޓުތަކުގެ އަގު ކަމެއް ބޮޑުވަޒީރު ވިދާޅެއްނުވެއެވެ.

މިކަމާ ގުޅިގެން ޓެސްލާ، ގޫގުލް އަދި މައިކްރޮސޮފްޓުންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބެންކޮކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްރެއްތާ ވިދާޅުވީ މި ހަފުތާގެ ކުރީކޮޅު އެ ކުންފުނިތަކުގެ ވެރިންނާ އެކު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ބޭރުގެ އާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތައިލެންޑުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެކްސްޕޯޓް ދަށްވުމުގެ ސަބަބުން މި އަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ޕަސެންޓްއެވެ.

އިލެކްޓްރިކް ވެހިކަލްގެ ދާއިރާއާ ބެހޭ ގޮތުން މިދިޔަ ހަފުތާގައި ޓެސްލާގެ ސީއީއޯ އީލޮން މަސްކްއާ ވެސް ސްރެއްތާ ވަނީ ވާހަކަ ދައްކަވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޝިއާގެ ހަތަރު ވަނައަށް އެންމެ ބޮޑު އޮޓޯމޯބައިލް އެސެމްބްލީ ހަބް ކަމަށްވާ ތައިލޭންޑުން އަންނަނީ ރީޖަނަލް އޮޓޯ ސެންޓަރެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި، އީވީ އާއި ބެޓެރީ އުފައްދާ ފަރާތްތަކަށް އިނާޔަތްތައް ދީ، އެގައުމުގައި އުފައްދާ އީވީ ގަންނަ ފަރާތްތަކަށް ޓެކްސް ކަނޑާލަމުންނެވެ.

comment ކޮމެންޓް