ނަޝީދަށް ދިން ހަމަލާ: އަލި މަނިކަށް 5 އަހަރުގެ ޖަލު ހުކުމެއް، ތަސްލީމަށް ކުށް ސާބިތެއް ނުވި

މުހައްމަދު ތަސްލީމް (ކ) އަބްދުﷲ އަލީ މަނިކު (ވ) --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021ވަނަ އަހަރުގެ މޭ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

ބޮމުގެ ހަމަލާގެ މައްސަލައިގައި އަލި މަނިކު ހައްޔަރުކުރީ މެއި 18، 2021 ގައެވެ.

މޭ ހައެއްގެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރި އިރު ހުރީ މީގެ ކުރިން ހަރުކަށި ފިކުރު ފަތުރާ މައްސަލައިގައި އިއްވި ޖަލު ހުކުމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ލުއިކޮށްދީ މައާފްދެއްވުމުން މިނިިވަންވެފައެވެ.

އޭނާއާއެކު ދެން ދައުވާ އުފުލީ ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ. ނަމަވެސް ތަސްލީމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތެއް ނުވެއެވެ. ފުލުހުން ކުރިން ބުނި ގޮތުގައި ތަސްލީމަކީ ބޮން ގޮއްވައިލުމުގައި އެންމެ އިސް ދައުރެއް އަދައިކުރި މީހާއެވެ.

އަލި މަނިކުގެ މައްޗަށް އުފުލި ދައުވާގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބަޔާން ކުރަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އޭނާ އަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނާއި ސަލާމަތީ ބާރުތަކާ ހިނގި ކުރިމަތިލުމުގައި ވެސް އިސްކޮށް އުޅުނު މީހެކެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.

އެކަމަކު، ބަންދުގައި ހޭދަކުރި ދުވަސްތައް ކަނޑާފައި، އޭނާ މިހާރު ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ. އެ ދުވަހު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލައިފައެވެ.

comment ކޮމެންޓް