އިނގިރޭސި ޕްރިމިއާ ލީގުގައި ދިހަ ކުޅުންތެރިންނާ އެކު ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގައި ނޮޓިންހަމްގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ރަތް ކާޑަކާ ގުޅިގެން އެ މެޗުގެ ބޮޑުބައެއް ސިޓީން ފުރިހަަމަކުރީ ދިހަ ކުޅުންތެރިންނާ އެކުއެވެ.
އެ މެޗު ފެށިތާ ހަތް މިނެޓުގެ ތެރޭގައި ސިޓީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައިލް ވޯކާ ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ފިލް ފޮޑެންއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލާފައިވަނީ ނޮޓިންހަމް ގޯލުގެ ތިރީ ކަނަކަށެވެ.
އޭގެ ހަތް މިނެޓު ފަހުން ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނޮޓިންހަމްއަށް ހެެދުނު ގޯހެއްގެ ފައިދާ ނަގައި، މަތެއުސް ނުނޭސް ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ސިޓީގެ ރޮޑްރިއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ސްޕެއިން މިޑްފީލްޑަރު ރޮޑްރީއަށް އެ ރަތް ކާޑު ދައްކާފައިވަނީ ހަމަނުޖެހުމެއްގެ ތެރެއިން ނޮޓިންހަމްގެ މޯގަން ގިބްސް ވައިޓްގެ ކަރުގައި ހިފުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުމާ ގުޅިގެން ރެފްރީ ވަނީ ގިބްސް ވައިޓްއަށް ވެސް ރީނދޫ ކާޑެއް ދައްކައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުގެ ރޮޑްރީއަށް ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަނީ -- ފޮޓޯ/ ގެޓީ
ދިހަ ކުޅުންތެރިންނާ އެކު ވެސް ސިޓީން ދިޔައީ ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ހާލަންޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ހާލަންޑް ފޮނުވާލި އެ ހަމަލާ ދިޔައީ ނޮޓިންހަމް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
ރަށުން ބޭރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ 1-0ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. އެ މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް ހަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ތިންވަނައިގައި އޮތް ލިވަޕޫލް އަދި ހަތަރުވަނައިގައި އޮތް އާސެނަލަށް ވެސް، އެއިން ކޮންމެ ޓީމަކަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.