މާލޭގައި 20 އަހަރު އުޅެފައިވާ މީހުން ގޯއްޗާއި ފްލެޓަށް ފޯމު ހުށަހަޅަން ހުޅުވާލައިފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިލިމާލޭގެ ގެއަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އެމްޑީޕީ

މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅެމުންދާ މީހުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ގެޒެޓްގައި ޝާއިއުކުރި އިއުލާނުގައި ވަނީ އެ އިއުލާނުގެ ދަށުން ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ މީހުންނަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށެވެ. އަދި އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 8،000 ފްލެޓް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައި ވަނީ އުތުރު ތިލަފަޅުންނެވެ.

އަކްރަމް ވިދާޅުވީ ތިލަމަލާލެ ބްރިޖުން އުތުރުތިލަފަޅަށް ދަތުރުކުރެވޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ލިބޭނެ ކަމަށެވެ.

"މިއޮތް ހުރިހާ ދުވަހު މިކަން ނުވީ ކޮވިޑާ ހެދި ދެ އަހަރާ ބައި ގެއްލުން. އެހެންވީމަ ދެން މަސައްކަތް ފެށިގެން ކުރިއަށް ދާ ވަރަކުން މިހާރު ކަންކަން ވަމުން މިދަނީ،" އަކުރަމް ވިދާޅުވިއެވެ.

ގިރާވަރު އުތުރުފަޅުން ނުވަތަ އުތުރު ތިލަފަޅުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ.

މީގެ ކުރިން އެ މިނިސްޓްރީން ބުނެފައި ވަނީ 6،000 ފްލެޓް މާލެ ސަރަޙައްދުން ދޫކުރާ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު އެ އަދަދު އިތުރުކޮށް 8،000 ފްލެޓް ދޫކުރުމަށް ވަނީ ނިންމައިފައެވެ.

މިދިޔަ ހަފުތާގައި ރައީސް ޞާލިޙް ވަނީ މާލޭގައި 20 އަހަރު އުޅެފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާ ހައުސިން ސްކީމެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސްކީމަށް ސިޔާސަތު އެކުލަވާލުމުގައި ރައްޔިތުންގެ ޚިޔާލު ހޯދާނެ ކަމަށް ރައީސްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވަނީ މިއަދު ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ އަށެއްގައި އިއުލާންކޮށްފައެވެ.

އެ ލިސްޓުގައި 20،697 މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.

comment ކޮމެންޓް