ސައުދީއާއި ރާއްޖެ ހިއްސާ ކުރަނީ އެއް ދީނަކާއި ސަގާފަތެއް، އޮތީ ވަރުގަދަ ގުޅުމެއް: ސަފީރު

ސައުދީއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ --

ސައުދީއަރަބިއްޔާ އާއި ރާއްޖެއާ ހިއްސާކުރަނީ އެއް ދީނަކާއި ސަގާފަތެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތީ ވަރުގަދަ ގުޅުމެެއް ކަމަށް ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ ވިދާޅުވެއްޖެއެވެ.

ސައޫދީ އަރަބިއްޔާގެ 93 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރުނބާ ވިލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މަތުރެކް ވިދާޅުވީ މެދު މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދު އަދި ޖީ20ގެ މުހިންމު މެންބަރެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ ވަނީ އެ ގައުމުގެ ދީނީ ހަމަތަކާއި ސަގާފަތް ހިމާޔަތްކޮށް، އިސްލާމީ އަގީދާ ހިމާޔަތްކުރުމުގައި ނަމޫނާ ދައްކައިފައި ކަމަށެވެ.

ދުނިޔޭގެ ބިމުގައި ހުރި އެންމެ މާތް ދެ މިސްކިތަށް އެންމެ ބޮޑު ސަމާލުކަމާއި އަޅާލުން ދީގެން ރެކޯޑް މުއްދަތެއްގައި ތަރައްގީވެފައިވާ ގައުމަކަށް ވެސް ސައުދީ ވެފައިވާކަމަށް މަތުރެކް ވިދާޅުވިއެވެ. އަދި ހައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި ވެސް ނަމޫނާ ދައްކައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީއަކީ ދުނިޔޭގައި ސުލްހައާއި އަމާންކަން ވަރުގަދަކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ގައުމެއްކަން ވެސް މަތުރެކް ފާހަގަކުރެއްވިއެވެ. މެދުމިނުގެ ވަކި ގައުމަކަށް ތަފާތުނުކުރާ ޚާރިޖީ ސިޔާސަތާއެކު، ދެމެހެއްޓެނިވި ތަރައްގީ ވަރުގަދަކުރުމާއި އެހެން ގައުމުތަކަށް އެހީތެރިވުމާއި ދުނިޔޭގެ ސުލްހަ ރައްކާތެރިކުރުމާއި ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ވެސް ސައުދީއަކީ ނަމޫނާ ގައުމެެއް ކަމަށް ވިދާޅުވިއެވެ.

"ސައުދީ އަރަބިއްޔާ އާއި ރާއްޖޭގައި އޮތީ އެއް ދީނަކާއި ސަގާފަތެއް. ރާއްޖެއާއި ސައުދީއާ ދެމެދުގައި ގާތް ގުޅުމެއް އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފައި. އެ ކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ވަނީ ގާތް ގުޅުމެއް އުފެދިފައި،" މަތުރެކް ވިދާޅުވިއެެވެ.

އޭނާ ވަނީ ރިޔާދް 2030ގައި ރާއްޖެއިން ބައިވެރިވެ އެ ކަމުގައި ވާގިވެރިވާން ނިންމައިފައިވާތީ ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭން ސައުދީއާމެދު ބާއްވާ ގާތް ގުޅުމަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް